ޚަބަރު

މަޑިފުށި މީހެއްގެ ގައިގައި ރޯވެ، ބޮޑު ބައެއް ފިހިއްޖެ

އަހުމަދު ޖައިޝަން

1

ތ. މަޑިފުށީ ތެޔޮބޯޓެއްގެ މަރާމާތުގައި އުޅުނު މީހެއްގެ ގައިގައި އަލިފާން ރޯވެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިއްޖެ އެވެ.

މަޑިފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އައްބާސް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތެޔޮބޯޓުގައި މަސައްކަތްކުރަނިކޮށް ގައިގައި އަލިފާން ރޯވެ ފިިހިފައިވަނީ އުމުރުން 50 އަހަރު ފުރިފައިވާ މީހެއްގެ ގައިގައި ކަމަށެވެ.

އެމީހާއަށް މަޑިފުށީ ހެލްތު ސެންޓަރުން މިހާރު ފަރުވާ ދެމުން އަންނަ އިރު ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ނަމާދު ވަގުތުގައި ކަމަށް އައްބާސް ވިދާޅުވިއެވެ.

ކައުންސިލުގެ ނައިބު ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ދެމީހަކު ތެޔޮ ބޯޓެއްގައި މަސައްކަތް ކުރަމުން ގެންދިޔަ ވަގުތު ތެޔޮ ހޮޅިއަކުން ތެޔޮ ބުރައިގެން ކަމަށެވެ.

"އެކަކު ހުރީ ގްރޭންޑަރު ޖައްސައިގެން. އަނެކަކު މަސައްކަތް ކުރަމުން ގެންދިޔައީ ތެޔޮ ހޮޅިން. ގަޔަށް ތެޔޮ ބުރައިގެން އަލިފާން ރޯވީ. ސްޕާކެއް އުފެދިގެން އަސްލު އަލިފާން ރޯވީ،" އައްބާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މީހާގެ ބަނޑުން ފެށިގެން ފަޔާ ހަމައަށް އަލިފާން ރޯވެ ފިހިފައިވާ ކަމަށެވެ.

މިހާރު މަސައްކަތް ކުރަމުން އަންނަނީ އެމީހާ މާލެ ގެނައުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟