އިބްރާހިމް ޒަކީ
ކުރިޔާއި ހިލާފަށް ސިޔާސީ މައިދާނުގެ ކުރީ ސަފުން އަންހެނުން ފެންނަން ފަށައިފި ކަމަށާއި ލާމަރުކަޒީ ގާނޫނުން 30 ޕަސެންޓު ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމުގެ ހެޔޮ ފައިދާ ކުރިޔަށް އޮތް ތަނުގައި ދިވެހި ރާއްޖޭން ފެންނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ލޯކަލް ކައުންސިލް ކެމްޕެއިން ކަމަށްވާ "ރަށްވެހި ފަތިސް" ކެމްޕެއިންއާ ގުޅުވާލައިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ވިލިމާލޭގައި ކުރިއަށްގެންދާ "ރަށްވެހި ފެސްޓިވަލް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކައުންސިލް އިންތިހާބަށް ފޯރިއާއެކު ކެމްޕެއިން ކުރަމުން އަންނައިރު، ލާމަރުކަޒީ ގާނޫނަށް ގެނައި އެންމެ ބޮޑު އެންމެ މުހިއްމު އިސްލާހަކީ، ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑިތައް ރިޒާވް ކުރުން ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިންގެ ކޮންމެ ޕޯސްޓަރަކުން އަދި ކޮންމެ އެއްވުމަކުން އެ ބަދަލު ފެންނަން ފަށައިފި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެއީ އިންތިހާބީ މަގާމުތަކުގައި އަންހެނުންގެ ދައުރުގެ ހިއްސާ އިތުރު ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. އެކަމުގެ ސަބަބުން ކުރިއާއި ހިލާފަށް ސިޔާސީ ސަފުތަކުގެ އެންމެކުރިން އަންހެނުން ފެންނަން ފަށިއިފި ކަމަށާއި، މިފަހަރު އިންތިހާބު ކުރެވޭ ކައުންސިލް ތަކުން ރަށާއި ސިޓީ ކައުންސިލް ތަކުގެ ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ބޮޑުތަނުން އިތުރު ވެގެންދާނެ، ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މިކަމުގެ ހެޔޮ ބަދަލު މުޅި ރާއްޖެއިންވެސް ފެންނާނެ ކަމަށެވެ.