އިބްރާހިމް ޒަކީ
ފިރިހެނުންނާއި އަންހެނުންނާ ދެމެދު އޮންނަ އާމްދަނީގެ ފަރަގު ކުޑަ ވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމްޑީޕީގެ ރަށްވެހި ފަތިސްގެ ތެރެއިން ވިލިމާލޭގައި މިއަދު ކުރިއަށް ގެންދާ "އެމްޑީޕީގެ އަންހެނުންގެ ކޮންފަރެންސް" ފެށުމުގެ ރަަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި އަންހެނަކަށް އެވްރެޖްކޮށް މިހާރު ލިބެނީ 7454 ޑޮލަރު، ކަަމަށެވެ. ނަމަވެސް ފިރިހެނުންނަށް 15،576 ޑޮލަރު ލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ ބަދަލު ވާން ޖެހޭ ކަމެއް ކަމަށެވެ.
"އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި، ޖުމްލަ ގޮތެއްގައި، އަންހެނަކަށް އެވްރެޖް ގޮތެއްގައި، އަހަރެއްގެ މައްޗަށް މިހާރު ލިބެނީ 7454 ޑޮލަރު، އެހެން ނަމަވެސް ފިރިހެނުންނަށް 15،576 ޑޮލަރު މިހާރު ލިބޭ މިއީ ބަދަލު ވާން ޖެހޭ ކަމެއް،" ރަައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރާ ކޮންމެ ކަމެއްގައިވެސް ޖެންޑާ ބެލެންސް ގެންގުޅެން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު ކުރައްވާ ކޮންމެ ކަމެއްގައިވެސް އެ ވިސްނުންފުޅު ގެންގުޅުއްވާ ކަަމަށާއި، އެގޮތުގެ މަތީން އެމަނިކުފާނުގެ ކެބިނެޓްގެ 35 ޕަސެންޓަކީ އަންހެނުން ކަން ފާހަގަކުރެއްވެވި އެވެ. އަދި ސުޕްރީމް ކޯޓުކެ ބެންޗުގައި އަންހެން ދެ ފަނޑިޔާރުން ތިއްބެވުމަކީ ވެސް ފަހުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށާއި، މިނިވަން މުއައްސަސާތަކުގެ ވެރިންގެ ގޮތުގައިވެސް އަންހެން ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.