އިބްރާހިމް ޒަކީ
ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑޭކެއާ ސެންޓަރު ގާއިމް ކުރަން ހަމަޖެހިފައިވާ ކަމަށާއި، އޭގެ ތެރެއިިން މާލެ އާއި އައްޑޫގައި ޑޭކެއާ ސެންޓަރު ގާއިިމް ކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ލޯކަލް ކައުންސިލް ކެމްޕެއިން ކަމަށްވާ "ރަށްވެހި ފަތިސް" ކެމްޕެއިންއާ ގުޅުވާލައިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ވިލިމާލޭގައި ކުރިއަށްގެންދާ "ރަށްވެހި ފެސްޓިވަލް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ފަހުރުވެރި އައިލާއެއް ބިނާކުރުމަށް މުހިއްމު ސިޔާސަތުތަކެއް އެމްޑީޕީގެ މެނިފެސްޓޯގައި އެބަހުރި ކަމަށެވެ.
އޭގެ ތެރެއިން އެއް ކަމަކީ، ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑޭކެއާ ސެންޓަރުތައް ގާއިމްކުރުން ކަމަށް ވިދާޅުވިއެވެ. އެގޮތުން މާލެ އާއި އައްޑޫގައި ޑޭކެއާ ސެންޓަރު ގާއިމް ކުރުމަށް މިއަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުން އަންހެނުންނަށް މުހިއްމު ކަންތައްތަކެއް ފަހިކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އިޖުތިމާއި ރައްކާތެރިކަމުގެ ނިޒާމް އިތުރަށް ހަރުދަނާ ވާން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.