ޚަބަރު

ރައީސް ސޯލިހުގެ ސަރުކާރަށް 39 ސެޓޭޓް މިނިސްޓަރުންނާއި 50 ނައިބުން ހަމަޖައްސަނީ

1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މިނިސްޓްރީ ތަކަށް ހަމަޖެއްސުމަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ނައިބުންގެ ސްލޮޓަށް ނަންތައް ފޮނުވުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޔާސީ ޕާޓީތަކަށް ދީފި އެވެ.

"ވަން އޮންލައިން" އެނގިފައިވާ ގޮތުގައި ބައެއް ޕާޓީތަކުން ވަނީ އެ ޕާޓީއަކަށް ލިބުނު ސްލޮޓުތަކަށް ނަންތައް އިއްޔެ ނިޔަލަށް ރައީސް އޮފީހަށް ފޮނުއްވާފަ އެވެ. އެހެން ނަމަވެސް ހުރިހާ ޕާޓީތަކުން ހުރިހާ ސްލޮޓުތަކަށް ނަންތައް ފޮނުވިކަން ކަށަވަރެއް ނުވެ އެވެ.

ރައީސް ސޯލިހުގެ ކެބިނެޓަށް ބޭފުޅުން ހަމައްސަވައިފައިވާ އިރު، ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ޕާޓީތަކަށް ބަހާލާފައި ވަނީ ކޯލިޝަނުގައި އެޕާޓީ އަކަށް އޮތް ހިއްސާގެ މިންވަރަށް ކަމަށް އެނގިފައިވެ އެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީންގެ ސްލޮޓުތަކަށް ނަންތައް ފޮނުވުމުގެ ފުރުސަތު ރައީސް އޮފީހުން ޕާޓީތަކަށް ދިން ނަމަވެސް، އެ ބޭފުޅުން ލައްވާނެ މިނިސްޓްރީތައް ނިންމަވާ ގޮތަށް އޮތީ ސީދާ ރައީސް އޮފީހުންނެވެ.

އެ ގޮތުން ސްޓޭޓުންނާއި ނައިބުން ބަހައިލައިފައިވާ ގޮތް:

- އެމްޑީޕީ: 15 ސްޓޭޓް މިނިސްޓަރުންނާއި 20 ޑެޕިއުޓީ މިނިސްޓަރުން

- ޖުމްހޫރީ ޕާޓީ: 10 ސްޓޭޓް މިނިސްޓަރުންނާއި 12 ޑެޕިއުޓީ މިނިސްޓަރުން

- ރައީސް މައުމޫން: 8 ސްޓޭޓް މިނިސްޓަރުންނާއި 10 ޑެޕިއުޓީ މިނިސްޓަރުން

- އަދާލަތު ޕާޓީ: 6 ސްޓޭޓް މިނިސްޓަރުންނާއި 8 ޑެޕިއުޓީ މިނިސްޓަރުން

ރައީސް ސޯލިހުގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރުން ހިއްސާވާ ގޮތަށް ބަލާ އިރު، އެމްޑީޕީ އަށް 40 ޕަސެންޓް، ޖޭޕީ އަށް 25 ޕަސެންޓް، އަދާލަތަށް 20 އިންސައްތަ އަދި މައުމޫނު ރިފޯމް މޫވްމެންޓަށް 15 ޕަސެންޓް ލިބެ އެވެ.

ރައީސް ސޯލިހު އެކުލަވައިލެއްވި ކެބިނެޓުގައި އެޓާނީ ޖެނެރެލް ހިމަނައިގެން 20 ބޭފުޅުން ތިއްބަވަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި 700 އާ ގާތްކުރާ އަދަދަކަށް ސިޔާސީ މަގާމުތައް އުފައްދާފައިވެ އެވެ. ރައީސް ސޯލިހުގެ ކުރީގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާ ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރުގައި ސިޔާސީ މަގާމުތައް 16 ޕަސެންޓު މަދު ވާނެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟