ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ރައީސް ނިންމަވައިފި

އައިދާ އަބްދުލް ހަކީމް

1

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް(ކޯވިޑް19) ބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ރައީސް އޮފީހާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންގެ އިތުރުން ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި ރޭ މުލިއާގޭގައި ރައީސް ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، އިޓަލީ ވިލާތުން ފުރައިގެން ނުވަތަ އެ ގައުމުގައި ޓްރާންސިޓްކޮށްފައި އަންނަ އެއްވެސް ދަތުރުވެރިޔަކު، އަދި ފާއިތުވި 14 ދުވަހުގެ ތެރޭގައި އެ ގައުމަށް ޒިޔާރަތްކޮށްފައިވާ އެއްވެސް ދަތުރުވެރިޔަކު ރާއްޖެ އެތެރެވުން ވަގުތީ ގޮތުން މަނާކުރަން، ކަމާބެހޭ އިދާރާތަކުގެ ލަފާގެ މަތިން، ރައީސް ނިންމަވާފައިވާ ކަމަށެވެ. ރައީސް އޮފީހުން ބުނީ މިގޮތަށް އަމަލުކުރަން ނިންމަވާފައިވަނީ، މިރޭ މެންދަމު 00:00 އިން ފެށިގެން ކަމަށެވެ. އަދި މިބައްދަލުވުމަގައި ކޯވިޑް-19 ބަލިން ރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ރައީސް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ މި ބައްޔާއި ގުޅޭ ހުރިހާ ކަމަކަށްވެސް ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ވަރަށް ބޮޑަށް ފާރަވެރިވެ، އެ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދިއުމަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ގޮތުން ކުރެވެން ހުރި ހުރިހާ ކަމަކަށް އިސްކަންދެއްވައި، އަޅާފައިވާ ފިޔަވަޅުތައް އެ ގޮތުގައި ކުރިއަށް ގެންދިއުމާއި މޮނިޓަކުރުމުގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

މި ބައްޔާއިގުޅޭ ކަންކަމުގެ ސައްހަ މައުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންނާއި ހިއްސާ ކުރުމާއި، މި ބަލިން ރައްކާތެރިވުމުގެ ގޮތުން ފަރުދީ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރައްވަމުން ގެންދެވުމަށްވެސް މި ބައްދަލުކުރެއްވުމުގައި ރައީސް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟