އިބްރާހިމް ޒަކީ
ދިވެހިންނަށް ޑިމޮކްރެސީގެ ފުރުސަތު ލިބުނީ އަންހެނުންނާ ހެދި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ވިލިމާލޭގައި މިއަދު ކުރިއަށްދާ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ކޮންފަރެންސް ފެށުމުުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މުޅި ރާއްޖޭގެ ހަމަޖެހުމާއި މުޖުތަމައު ބިނާ ކުރުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ އެންމެ މުހިއްމު އެއްބަޔަކީ ފަހުރުވެރި ދިވެހި އަންހެނުން ކަމަށެވެ.
ވޭތުވެދިޔަ އަހަރު ތަކުގައި ރާއްޖެ ދުށް ބިރުވެރި، އަނިޔާވެރި، ވެރިކަމުގެ، ދުވަސްވަރު އެ އަނިޔާއިން ދިވެހިން މިންޖުކުރުމަށް އެންމެ ކުރީ ސަފުގައި ތިބީ އަންހެން ބޭފުޅުން ކަމަށް ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
"ދިވެހިންނަށް ޑިމޮކްރެޓިކް ސަރުކާރެއް ގާއިމް ކުރުމުގެ ފުރުސަތު ލިބުނީ ތި ފިސާރި އަންހެން ކަނބަލުންގެ ސަބަބުން އަޅުގަނޑު އެ މަންޒަަރުތައް ވަރަށް ކައިރިން ދުށިން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އަންހެނުން ކުރާ އަގުހުރި މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުުގެ ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން މުޖުތަމައުގައި އަންހެނުންނަށް އަންނަ ހެޔޮ ބަދަލުތައް ވެސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ކައުންސިލްތަކުން ވަކި ޕަސެންޓެއް އަންހެން ބޭފުޅުންނަށް ކަޑައެޅުއްވުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ހަރުދަނާ ކުރުމަށް ބަޖެޓު ހަމަޖައްސައިދީ، މެންބަރުންނަށް އުޖޫރަ ކަނޑައެޅުއްވުން ފާހަގަ ކުރެއްވެވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، މި ފަހަރު ބާއްވާ ކައުންސިލް އިންތިހާބުތަކުގެ ސަބަބުން ކައުންސިލްތަކާއި ރަށްރަށާއި ސިޓީ ކައުންސިލް ތަކުގެ ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ބޮޑުތަނުން އިތުރު ވެގެންދާނެ، ކަމަށެވެ.