ޚަބަރު

ރާއްޖެއިން ފުރި އިޓަލީ މީހާއަށް ކޮރޯނާ ވައިރަސް ޖެހުނު ގޮތް ހޯދަން ތަހުގީގެއް ފަށައިފި

އަލީ ޔާމިން

ރާއްޖެއިން ފުރި އިޓަލީގެ ފަރުތުވެރިޔާއަށް ކޮރޯނާ ވައިރަސް ޖެހުނު ގޮތް ހޯދަން ސަރުކާރުން ތަހުގީގެއް ފަށައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވިދާޅުވީ، އިޓަލީ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ކަމަށާއި، އެކަން އެނގުނީ އޭނާ އަމިއްލައަށް އެ މައުލޫމާތު ހިއްސާ ކުރުމުން ކަމަށެވެ. އޭނާއަށް ކޮވިޑް-19 ޖެހުނު ގޮތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމާއެކު ތަހުގީގެއް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ

"އޭނަ ދިޔަ ފަހުން މި ކޮރޯނާއަށް ޕޮޒިޓިވް ވީ. އެކަމާ ގުޅިގެން ސަރުކާރުން މިހާރުވަނީ ތަހުގީގެއް ފަށާފައި. އޭނަ ފުރައިގެން ދިޔުމުގެ ތެރޭގައި އެ ސިމްޕްޓޮމްސް ހުރިތޯ ނެތްތޯ އެއާޕޯޓުން ފުރުމުގެ ތެރޭގައި ކަން ހިނގާދިޔަ ގޮތުގެ ތަހުގީގެއް މިރޭ ރައީސުލްޖުމްހޫރިއްޔާ މިވަނީ އިނީޝިއޭޓް ކުރައްވާފަ." ރޭގެ ނިޔުސްކޮންފަރެންސުގައި އަލީ ވަހީދު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އޭނާ ރާއްޖެއިން ފުރީ މިމަހުގެ އެއް ވަނަ ދުވަހު ކަމަށާ އަދި އޭނާއަށް ކޮރޯނާ ވައިރަސް ޖެހިފައިވަނީ އިއްޔެ ކަމަށެވެ. އަދި އޭނާއާ ބައްދަލުވި މީހުންނާ، އޭނާ ދަތުރުކުރި ކުރި ފްލައިޓާ އެހުރިހާ ކަންކަމެއް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ހާމަ ކުރާ ގޮތުގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ކަމަށް ބުނާ ފަތުރުވެރިޔާ ރާއްޖޭގައި ހުރީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައެވެ. އޭނާ ފުރައިގެން ދިޔަ ފަހުން މިއަދު ވަނީ އެ ރިސޯޓްގެ ޑޮކްޓަރުގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްކެއް ފެނުމުން ޓެސްޓް ކުރުމަށް މާލެ ގެނެސް އެކަހެރި ކޮށްފައެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން ކުރެއްދޫ ރިސޯޓު ވަނީ ވަގުތީ ގޮތުން ބަންދު ކޮށްފައެވެ. އެ ޓެސްޓުގެ ނަތީޖާ ލިބޭނީ މިއަދުއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިޔުއެޗްއޯ)ގެ މިންގަނޑުގައިވާ ގޮތުން ކޮރޯނާ ވައިރަހަށް ޝައްކުވެގެން ކަރަންޓީން ކޮށް، ވައިރަހަށް ޓެސްޓްކުރުމަށް ފަހުވެސް 14 ދުވަހުގެ މުއްދަތެއްގައި ކަރަންޓީންކޮށްފައި ބަހައްޓަން ޖެހެއެވެ.