ޚަބަރު

ކޮރޯނާ ވައިރަހާ ގުޅިގެން އެޗްޕީއޭގެ ނަމުގައި ދައުރު ކުރަމުންދަނީ ފޭކު ބަޔާނެއް

އަލީ ޔާމިން

ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ނަމުގައި މީސް މީޑިއާގައި ދައުރުކުރަމުން ދަނީ ފޭކު ބަޔާނެއް ކަމަށް އެ އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭގެ ނަމުގައި ދައުރުކުރަމުންދާ ބަޔާނުގައިވާ ގޮތުން، ތިނަދޫގައި ހުރި އިޓަލީވިލާތުގެ ފަތުރުވެރިއެއްގެ ކިބައިން ކޮރޯނާވައިރަސްގެ އަލާމާތްތަކެއް ފެނުމާއެކު އޭނާ މިއަދު މާލެ ގެނެސް ވަނީ އެކަހެރިކޮށް ޓެސްޓްތައް ހަދަން ފަށައިފައެވެ.

އެ ފަތުރުވެރިޔާ ކޮވިޑް-19 އަށް ޝައްކު ކުރެވޭތީ އިތުރަށް ރައްކާތެރިވުމުގެ ގޮތުން ގދ. ތިނަދޫގައި މިވަގުތު ތިބި މީހުން މޮނީޓާ ކުރުމަށްޓަކައި އެރަށަށް މީހުން އަރާ ފައިބާ ނޫޅެވޭނެ ގޮތަށް ވަގުތީ ގޮތުން އެރަށް ބަންދުކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ޅ. އަތޮޅުގައި ހިންގާ ކުރެއްދޫ ރިސޯޓުގެ ފަތުރުވެރިއެއް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު މިމަހުގެ ފަސް ވަނަ ދުވަހު އެނބުރި ގައުމަށް ދިއުމަށްފަހު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ، އެ ރިސޯޓުގެ މެނޭޖްމަންޓަށް އެ ފަތުރުވެރިޔާއާ ދިމާވި "ކްލޯސް ކޮންޓެކްޓްސް" ފާހަގަކުރުމަށް އަންގާފައިވާ ކަމަށާއި އަދި ބަލީގެ އަލާމާތްތައް ހުރި މީހުން ޓެސްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެބަޔާނާ ގުޅިގެން ހެލްތު މިނިސްޓްރީގެ ހެޑް އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަން ޔާލް ވިދާޅުވީ، އެއީ ފޭކު ބަޔާނެއް ކަމަށާއި އެފަދަ ބަޔާން ނެރުން މިނިސްޓްރީން ކުށްވެރިކުރާ ކަމަށެވެ.

އެގޮތުން އެޗްޕީއޭގެ ނަމުގައި ދައުރު ކުރަމުންދާ ބަޔާނުގައި، އެ އެޖެންސީން އިއްޔެ ނެރެފައިވާ ޕްރެސް ރިލީސް ނަންބަރު ތަކުރާރުވެފައި ވުމާއި އާންމުކޮށް ނެރޭ ބަޔާންތަކުގައި ހިމެނޭ ހެލްތު މިނިސްޓްރީގެ ތަތްގަނޑާއި ސޮއި ނެތްކަން ފާހަގަކުރެވުނެވެ.