ޚަބަރު

ފާއިތުވި 24 ގަޑިއިރު ވުހާން ފިޔަވައި ހޫބޭގެ އެއްވެސް ސަރަހައްދަކުން ކޮވިޑް-19 ޖެހިފައިވާ މީހަކު ނުފެނޭ

އަލީ ޔާމިން

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ފިޔަވައި ހޫބޭގެ އެއްވެސް ސަރަހައްދަކުން ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިފައިނުވާ ކަމަށް އެސިޓީގެ ނޭޝަނަލް ހެލްތް ކޮމިޝަނުން ބުނެފިއެވެ.

މިއީ ޗައިނާގައި ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން ވުހާން ފިޔަވައި ހޫބޭގެ އެއްވެސް ސަރަހައްދަކުން ކޮވިޑް-19 ޖެހިފައިވާ މީހަކު ނުފެނި ދިޔަ ފުރަތަމަ ފަހަރެވެ.

ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހޫބޭ ޕްރޮވިންސްގެ ބޭރުން ކޮރޯނާވައިރަހަށް 19 މީހަކު ޕޮޒިޓިވްވެ 143 މީހަކުގެ ގައިން ވައިރަސްގެ އަލާމާތްތައް ވަނީ ފެނިފައެވެ.

ޗައިނާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ސްޓޭޓް ރޭޑިއޯއިން ބުނެފައިވަނީ ވޫހާން އާއި ހޫބޭ ޕްރޮވިންސުގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ.

،

އިއްޔެގެ ނިޔަލަށް ޗައިނާއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 80,552 މީހުން ފެނިފައިވާއިރު އެބަލީގައި އެގައުމުން މިހާތަނަށް 3,042 މީހުން ވަނީ މަރުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިއްޔެ އެކަނި ވެސް ކޮވިޑް-19 ޖެހިގެން ވުހާންއިން 23 މީހަކު އަދި ހޫބޭ ޕްރޮވިންސުން 29 މީހަކު ވަނީ މަރުވެފައެވެ.