މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރް ޕްރޮފެޝަނަލްސް (މާޕް) އިން ބާއްވާ ދެވަނަ ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ޖުލައި މަހަށް ފަސްކޮށްފިއެވެ.
ކުރިން އެ ކޮންވެންޝަން ބާއްވަން ހަމަޖައްސާފައިވަނީ މިމަހުގެ 14 އިން 15 އަށް ދަރުބާރުގޭގައެވެ. ނަމަވެސް އެ ކޮންވެންޝަން ފަސްކުރަން ނިންމީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން ގިނައިން މީހުން އެއްވެއުޅުން މަދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކުރުމާ ގުޅިގެންނެވެ.
މާޕުން ބުނީ، އެ ކޮންވެންޝަން މިހާރު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ހަ އަކުން ހަތަކަށް ކަމަށެވެ.
މިއަހަރުގެ ކޮންވެންޝަންގެ މައިގަނޑު ތީމަކީ "ޓްރާންސްޕޯމޭޝަން އޮފް ކަލްޗާ - ފިއުޗާ އޮފް ހިއުމަން ކެޕިޓަލް" އެވެ. އެގޮތުން އެ ކޮންވެންޝަންގައި މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށާއި ވަޒިފާގެ މާހައުލަށް ޓެކްނޮލޮޖީ އިތުިރުކުރުމާއި ވަޒިފާގެ މާހައުލު މުވައްޒަފުންނަށް އެންމެ އެކަށޭނެ މާހައުލަކަށް ހެދޭނެ ގޮތްތަކާއި ލީޑަޝިޕް އަދި އިންސާނީ ވަސީލަތް ބިނާކުރާގެ ގޮތްތަކާގުޅޭ ގޮތުން މަޝްވަރާ ކުރެވިގެންދާނެއެވެ.
މި ކޮންވެންޝަންގައި ދުނިޔޭގެ ފެންވަރުގެ މަޝްހޫރު 14 ފަރާތަކުން ކީނޯޓް ސްޕީޗު ދިނުމަށް ވަނީ ހަމަޖައްސައިފައެވެ.
ނޭޝަނަލް އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2020 އާގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މާޕުގެ ރައީސް އަދި ލަކްސް ރިިސޯޓުގެ ރީޖަނަލް ޑައިރެކްޓަރު ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް ހުސެއިން އަފީފު ވިދާޅުވީ، މިދިޔަ އަހަރުގެ ކޮންވެންޝަނަށްވުރެ މިއަހަރުގެ ކޮންވެންޝަން ފުރިހަމަވެގެންދާނެ ކަމަށެވެ. އަދި ދުނިޔޭގެ ގިނަ ސްޕީކާސް ބައިވެރިވާ މި ކޮންވެންޝަންގެ އަގަކީ މިފަދަ އިވެންޓްތަކަށް ވަަރަށް އެކަށޭނެ އަގެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ކޮންވެންޝަނަށް 3،000 ވުރެ ގިނަ ފަރާތްތަކުން ރަޖިސްޓްރީ ކޮށްފައިވާއިރު، މި ގެނެވުނު ބަދަލުގެ އެންމެހާ މައުލޫމާތު އެފަރާތްތަކަށް އީމެއިލް މެދުވެރިކޮށް އަންގާނެ ކަމަށް މާޕުން ބުނެއެވެ. އަދި އިތުރު މައުލޫމާތު އެ އެސޯސިއޭޝަންގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖު އަދި ހޮޓްލައިން ނަންބަރު 7778035 އިން ދުވަހުން ދުވަހަށް ލިބޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.
އޭގެ އިތުރުން މިއަހަރުގެ ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯގައި އިތުރަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު އެ އެސޯސިއޭޝަންގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖު މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ވެސް މާޕުން ބުނެއެވެ.
މާޕަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް، މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެވެ. އެ ޖަމިއްޔާގެ މަގުސަދަކީ ހިއުމަން ރިސޯސްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ، އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީވެދިނުމާއި ދާއިރާއާގުޅޭ ބޭރުގެ ފަރާތްތަކާއި ގުޅުން ބަދަހިކޮށް މައުލޫމާތު ބަދަލުކުރެވޭނެ މަގު ފަހިކުރުމެވެ.