އޭނާގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ދޭ އެންމެ ކުޑަ އުޖޫރައަކީ 10،000 ރުފިޔާ ކަމަށް ކަނޑައަޅާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުން ވާދަކުރައްވާ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އަދި އޭނާގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައަކީ މަހަކު 10،000 ރުފިޔާ ކަމަށް ކަނޑައަޅާ އެކަން ތަންފީޒު ކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރެއްވި އަލްހާން ގެންދަވަނީ މާލޭގެ ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއް ވަމުންނެވެ.
އޭގެ ތެރޭގައި އެންމެނަށް ބޯހިޔާވަހިކަން ވައުދުގެ ދަށުން މާލޭގެ އަސްލު ރަށްވެހިންނަށް ހުޅުމާލޭ އަވަށުގެ ހިއްކި ބިމުގެ ޖާގަ އޮތް މިންވަރަކުން ދިރިއުޅުމަށްޓަކައި ގެދޮރު ބިނާކުރުމަށް ބަންޑާރަ ބިން ހިލޭ ދޫކުރާނެ ކަމަށާއި އަދި ބިން ނުދެވޭ ފަރާތްތަކަށް ބަންޑާރަ ބިމުގައި އެއްމެދު އިމާރާތްކޮށް، ފުލެޓް ދީގެން ވިޔަސް ބޯހިޔާވަހިކަން ކަށަވަރު ކޮށްދީ ބިންވެރި ކުރުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި ޒަރޫރީ ބޭނުމުގައި މާލެއަށް ދިރިއުޅުން ބަދަލުކޮށް ރަޖިސްޓަރީވެފައިވާ މާލޭ ދަފްތަރު އުވާލައި، އޭގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލޭން 10،000 ގޯތި ހިލޭ ދޫކުރާނެ ކަމަށް އަލްހާން ވައުދު ވެފައިވެއެވެ.
އަލްހާން ވިދާޅުވާ ގޮތުގައި، ކުރީގެ ސަރުކާރުތަކުން ގައުމީ ތަރައްގީގެ ފޯކަސް ހަމައެކަނި މާލެ ސަރަހައްދަށް ކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި ޒަރޫރީ ބޭނުމުގައި މާލެއަށް ދިރިއުޅުން ބަދަލުކޮށް މާލޭދަފްތަރުގައި ރަޖިސްޓަރީވެ، މާލޭ މީހުންގެ ގޮތުގައި މަތުމަތިވެ ބިކަ ހާލުގައި އުޅޭކަން ނުދަންނަ ދިވެއްސެއް ނުހުންނާނެއެވެ.
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް އަލްހާންގެ އިތުރުން ދެން ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި ޕީޕީއެމްގެ ފަރާތުން ކުރީގެ ހައުސިން މިނިސްޓަރު އަދި އެޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.