ޚަބަރު

ކޮރޯނާވައިރަހާ ގުޅިގެން ރާއްޖެ ހުއްޓުމަކަށް ނުގެނެވޭނެ، ހުއްޓުމަކަށް ގެނެސްފިނަމަ ލިބޭ ގެއްލުން ބޮޑުވާނެ: ނަޝީދު

އަލީ ޔާމިން

3

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން ރާއްޖެ ހުއްޓުމަކަށް ނުގެނެވޭނެ ކަމަށާއި ރާއްޖެ ހުއްޓުމަކަށް ގެނެސްފިނަމަ ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ދަށުން މާލޭގައި މިއަދު ފެށި ދޮރުން ދޮރަށް ހަރަކާތަށް ނުކުންނެވުމުގެ ކުރިން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އެންމެ ބޮޑަށް ބަލަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ދޭ ބަޔާންތަކަށް ކަމަށެވެ.

އެގޮތުން ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ މީހުން ކަރަންޓީން ކުރަންޖެހޭ ކަމަށާއި ނަމަވެސް އެ ބަލި ފެތުރިދާނެ ކަމަށް ބަލައިގެން ރާއްޖޭގެ އިގްތިސާދު ހުއްޓުމަކަށް ނުގެނެވޭނެ ކަމަށާއި އެކަން އެގޮތަށް ކޮށްފިނަމަ ފަހުން ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.

"މީގެ އެންމެ މުހިންމު ކަމަކީ ދުނިޔެއެއް ހުއްޓައެއް ނުލެވޭނެ. ދިވެހި ރާއްޖެއެއް ވެސް ހުއްޓައެއް ނުލެވޭނެ. އަދި އަޅުގަނޑުމެން ބިރުވެރިކަމުގެ ތެރެއަށް ގޮސް ހުން ނާންނަނީސް ރަޖާލާ އުސޫލަށް އަޅުގަނޑުމެން ބަދަލުވާން ފަށައިފިނަމަ ދުނިޔެވީ އިގްތިސާދު ވެސް ހުއްޓޭނެ. އަދި އިގްތިސާދު ހުއްޓުނީމަ އަޅުގަނޑުމެންނަށް ދެން ރޯގާއެއް ނުޖެހުނެއް ކަމަކު ދިމާވާނެ އެހެން ރޯގާތަކާ އެެހެން ބަލިތަކާ އެހެން އުނދަގޫތައް މާގިނަ ވާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ވައިރަހާ ގުޅިގެން ދަތުރުފަތުރު ކުރުން ހުއްޓުވަން އުޅެގެން ނުވާނެ ކަމަށާއި އަދި ރަށަކުން ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ މީހަކު ފެނުމުން، މުޅި ރަށް ކަރަންޓީން ކުރުމަކީ ވެސް ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ.

ނަޝީދު މިފަދައިން ވާހަކަފުޅު ދައްކަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮރޯނާވައިރަސް ރާއްޖެ އަންނާނެ ކަމަށް ދެކިލައްވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ނަޝީދު އެދުވަހު ވިދާޅުވީ، ރާއްޖެއަށް ނާންނަ ބައްޔެއް ދުނިޔޭގައި ނޫޅޭނެ ކަމަށާއި ކޮރޯނާވައިރަސް ރާއްޖެއަށް ނާންނާނެ ކަމަށް ހިތްތަކަށް ވައްދައިދޭން ވެސް އުނދަގޫ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟