ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު އުވާލުމަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ އެ ބިލު މަޖިލީހުން ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވި 53 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ބިލު ދިރާސާ ކުރުމަށް ވަގުތީ ކޮމިޓީއަކަށް ފޮނުވަން ވެސް މިއަދު ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހަޅާފައި ވަނީ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފު އެވެ.
އޭނާ ވިދާޅުވީ އެ އިސްލާހުގެ ބިލު ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ކުރީން ވެސް އޮތް ގޮތަށް ބަދަލުކުރެއްވުމަށް ކަމަށެވެ. އާރިފު ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކަށް ބަލައިލި ނަމަވެސް ރައީސް ކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރެއް ނޯންނަ ކަމަށެވެ.
"އެހެން ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ރައީސް ކަމަށް ކުރިމަތި ލެވޭ އެންމެ ހަގު އުމުރެއް އެބަ އޮވޭ،" އޭނާ ވިދާޅުވި އެވެ.