އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު، ބޮޑު އަގުލަބިއްޔަތަކުން އެމްޑީޕީ ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ދަށުން މާލޭގައި މިއަދު ފެށި ދޮރުން ދޮރަށް ހަރަކާތަށް ނުކުންނެވުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ، ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ނުކުރެއްވިއްޖެނަމަ ސަރުކާރުންވީ ވައުދުތައް ތަންފީޒު ކުރަން އުދަނގޫވާނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ.
ރައީސް ވިދާޅުވީ، އެކަން އެމްޑީޕީގެ މެންބަރުންނާއި ކެންޑިޑޭޓުންގެ އިތުރުން ރާއްޖޭގެ ރައްޔިތުން ވެސް ގަބޫލުކުރައްވާނެ ކަމަށެވެ.
"ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ނުކުރެވިއްޖެއްޔާ އަޅުގަނޑުމެންވީ ވައުދާ އެއްގޮތަށް ކުރި މަސައްކަތްތައް ތަންފީޒު ކުރުމުގައި އުދަނގޫތަކެއް، ދަތިތަކެއް ކުރިމަތިވާނެ. އެކަން ރާއްޖޭގެ ރައްޔިތުންނަށް ވެސް ގަބޫލުކުރެވޭ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑު އަގުލަބިއްޔަތުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އިންތިހާބުގެ ކުރިން ބައެއް ދާއިރާތައް އެމްޑީޕީއަށް ކަށަވަރު ވެފައިވުމަކީ އެޕާޓީއަށް ރައްޔިތުން ކުރާ އިތުބާރު ދައްކުވައިދޭ ހަގީގަތެއް ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގައި ވެސް ދައްކާ ވާހަކަ ގަބޫލުކޮށް ކުރިން ވެސް ކޮށްފައިވާ އިތުބާރު ދަމަހައްޓާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.