ޚަބަރު

ރައްޔިތުން ކުރާ އިތުބާރު ދަމަހައްޓާނެ ކަމުގެ އުންމީދާއެކު ދެ ރައީސުން ދޮރުން ދޮރަށް

މިދިޔަ ދެ އިންތިހާބެކޭ އެއްގޮތަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ރައްޔިތުން ކުރާ އިތުބާރު ދަމަހައްޓައި އެމްޑީޕީއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މާލޭގައި ދޮރުން ދޮރަށް ހިންގަވައި ޕާޓީގެ ކެމްޕެއިން ހަރަކާތްތައް ފައްޓަވައިފިއެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީން ފަށާފައިވާ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ދަށުން މާލޭގައި މިއަދު ފެށި ދޮރުން ދޮރަށް ހަރަކާތަށް ނުކުންނެވުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ގޭގެއަށް ޒިޔާރަތްކުރުމުގެ ބޭނުމަކީ ރައްޔިތުންނާ ބައްދަލުކޮށް ސަރުކާރުން ކޮށްދޭން ވައުދުވާ ކަންތައްތައް ކިޔައިދީ، ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުން ކަމަށެވެ. މިއީ މިދިޔަ ދެ އިންތިހާބުގެ ކެމްޕެއިނުގައި ވެސް އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ވިދާޅުވިއެވެ.

އެ ދެ އިންތިހާބުތަކުގެ ކެމްޕެއިންތަކުގައި ވެސް އެމްޑީޕީން ދެއްކި ވާހަކަތައް ގަބޫލުކޮށް ރައްޔިތުން ބޭނުންވާ ބޮޑެތި ބަދަލުތައް ގެނައުމަށް އެޕާޓީއަށް ބޮޑު އަގުލަބިއްޔަތެއް ދީފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ނުކުރެއްވިއްޖެނަމަ ސަރުކާރުންވީ ވައުދުތައް ތަންފީޒު ކުރަން އުދަނގޫވާނެކަން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ.

"ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ނުކުރެވިއްޖެއްޔާ އަޅުގަނޑުމެންވީ ވައުދާ އެއްގޮތަށް ކުރި މަސައްކަތްތައް ތަންފީޒު ކުރުމުގައި އުދަނގޫތަކެއް، ދަތިތަކެއް ކުރިމަތިވާނެ.... އެކަން ރާއްޖޭގެ ރައްޔިތުންނަށް ވެސް ގަބޫލުކުރެވޭ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑު އަގުލަބިއްޔަތުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިންތިހާބުގެ ކުރިން ބައެއް ދާއިރާތައް އެމްޑީޕީއަށް ކަށަވަރު ވެފައިވުމަކީ އެޕާޓީއަށް ރައްޔިތުން ކުރާ އިތުބާރު ދައްކުވައިދޭ ހަގީގަތެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގައި ވެސް އެމްޑީޕީން ދައްކާ ވާހަކަ ގަބޫލުކޮށް ކުރިން ވެސް ކޮށްފައިވާ އިތުބާރު ދަމަހައްޓާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ހަރަކާތް ފެށުމުގެ ގޮތުން ދެ ރައީސުން ވަނީ މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އަނަސް އަބްދުއްސައްތާރާއެކު މާލޭގެ ބައެއް ގެތަކަށް ވަޑައިގެންފައެވެ.