އަލީ ޔާމިން
ކިތަންމެ ސިއްރުން ކުރިކަމުގައި ވިޔަސް މައިންބަފައިންކުރާ ފާފަތަކުގެ އަސަރު ދަރީންނަށް ކުރާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"މުޖުތަމައެއް ބިނާކުރުމުގައި ހަރުދަނާ އާއިލާއެއްގެ ދައުރު" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ މުޖުތަމައުތައް އުފެދެނީ ކުދިކުދި އާއިލާތަކުން ކަމަށާއި އާއިލާތައް ހަރުދަނާ ކުރެވިގެން މެނުވީ ހަރުދަނާ މުޖުތަމައެއް ބިނާ ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ހަރުދަނާ ގޮތެއްގައި ޒަވާޖީ ހަޔާތެއް ބިނާކުރުމަށްޓަކައި، ރަނގަޅު ބައިވެރިއަކު އިހްތިޔާރު ކުރަން ޖެހޭ ކަމަށް ބުނެއެވެ.
ހަޔާތުގައި ބައިވެރިޔާ އިހްތިޔާރުކުރުމުގައި ބަލަންވީ ކަންތައްތަކުގެ އިރުޝާދު، ކީރިތި ރަސޫލާ صلى الله عليه وسلم މި އުންމަތަށް ދެއްވާފައިވާ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ކައިވެނިކުރާއިރު އަންހެނާގެ ކިބައިގައިވާ ހަތަރު ކަމަކަށް އާއްމުކޮށް މީހުން ބަލާ އުޅެއެވެ. އެއީ އޭނާގެ ފައިސާވެރިކަމާއި އޭނާގެ ހަސަބާ ނަސަބަށާއި އޭނާގެ ރީތިކަމާއި އޭނާގެ ދީންވެރިކަމަށެވެ. ފަހެ ދީންވެރި އަންހެނެއް ލިބިގަތުމުގެ ނަސީބު ހޯދާށެވެ! ހުރިހާ ހެވެއް އޮތީ އެގޮތުގައެވެ"
ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި އިތުރު ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ދުނިޔެއަކީ ހިތްހަމަޖެހުން ހާސިލް ކުރުމުގެ ތަނެކެވެ. ދުނިޔޭގައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސޯލިހު އަންހެކެވެ."
ހުތުބާގައި ބުނީ އަންހެނަކު ކައިވެނިކުރާއިރު ވެސް އިސްކަންދޭންވީ ދީންވެރި ސޯލިހު ފިރިހެނަކު އިހްތިޔާރު ކުރުމަށް ކަމަށެވެ. އަދި ހެޔޮލަފާ ސޯލިހު ފިރިއެއް ލިބުމަކީ، ދުނިޔެމަތީގައި އަންހެނަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުންކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ އާއިލީ ލޯތްބާއި ކުލުނާއި އޯގާވެރިކަން ދެމި އޮތުމަކީ ހަރުދަނާ އާއިލާއެއްގެ އެންމެ މުހިންމު އެއް ރުކުން ކަމަށެވެ. އަދި މައިންބަފައިން ކުރާ ގޯސް ކަންތައްތަކުގެ ނޭދެވޭ އަސަރު ދަރީންނަށް ކުރާކަމުގައި ހުތުބާގައި ބުނެފައިވެއެވެ.
"މައިންބަފައިން ކުރާ ހެޔޮ އަމަލުތަކުގެ އަސަރު ދަރިންނަށް ކުރާ ފަދައިން ނުބައި އަމަލުތަކުގެ ނުބައި އަސަރު ވެސް އެ ދަރިންނަށް ކުރާނެއެވެ. ކިތަންމެ ސިއްރުން ކުރިކަމުގައި ވިޔަސް، މައިންބަފައިންނަށް ކުރެވޭ ފާފަތަކަކީ ވެސް އޭގެ ސުންޕާކަން ދަރިންނަށް ފޯރަފާނެ ކަމެކެވެ." ހުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ހުތުބާގައި ބުނީ އަނބިދަރިންނަށް ހެޔޮކޮށް ކަންތައްކުރުމަކީ ހެޔޮކަން ބޮޑުވެގެންވާ އަޅުކަމެއް ފަދަ ކަމެއް ކަމަށާއި އެންމެ ރަނގަޅު މީހަކީ އެމީހެއްގެ އަނބިދަރީންނަށް ހެޔޮކޮށް ކަންތައް ކުރާ މީހާ ކަމަށެވެ. އަދި ހެޔޮލަފާ އާއިލާއެއްގެ މައިބަދައަކީ މަންމަ އާއި ބައްޕަ ކަމަށާއި މައިންބަފައިން ރަނގަޅުވެގެން މެނުވީ ދަރިން ރަނގަޅު ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
"ހެޔޮލަފާ ދަރިފަސްކޮޅެއް ބިނާކުރުމަށްޓަކައި އެންމެހާ ފާފަތަކުން ދުރުވާން ޖެހެއެވެ. އެގޮތުން މައިންބަފައިން ދަރިން ބޮޑު ކުރުމަށް ހޯދާ މުދަލާމެދު ވެސް ސަމާލުވާން ޖެހެއެވެ. އެހެނީ އެ މުދަލަކީ ހަރާމް މުދާކަމުގައިވާނަމަ އޭގެ ނުބައި އަސަރު ވެސް ދަރިންނަށް ކުރާނެއެވެ." ދަރީންނަކީ ކިޔަމަންތެރި ހެޔޮލަފާ ދަރިންތަކަކަށްވާނީ މައިންބަފައިން ނަމޫނާ ދައްކައިގެންކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވެއެވެ.