ފޮރިން މިިސްޓަރު އަބްދުﷲ ޝާހިދު، ބުރޫނާއީ ދާރުއްސަލާމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ބުރޫނާއީއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ރަސްގެފާނު ސުލްތާން ހަސަނުލް ބޮލްކިއާ މުއިއްޒުއްދީން ވައްދައުލާގެ އަރިހަށް މިނިސްޓަރު ޝާހިދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން ބުރޫނާއީގެ ފޮރިން މިނިސްޓަރު 2 ދާތޯ ސެރީ ސެތިއާ ހާޖީ އެރީވަން ބިން ޕެހިން ދާތޫ ޕެކަރިމާ ޖާޔާ ހާޖީ މުހައްމަދު ޔޫސުފް އާއި އެޑިއުކޭޝަން މިނިސްޓަރު ޔަންގް ބަރްހޯމާތު ދާތޯ ސެރޯ ސެތީ އަވަން ހާޖީ ހަމްޒާ ބިން ހާޖީ ސުލައިމާން އަދި ހެލްތު މިނިސްޓަރު ދާތޯ ސެރީ ސެތިއާ ޑރ. ހާޖީ މުހައްމަދު އިޝާމް ބިން ހާޖީ ޖަފާރްއާ ބައްދަލުކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްތްރީން ބުނީ، އެ ބައްދަލުކުރެއްވުންތަކުގައި ދެގައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާއި އިޖްތިމާއީ އަދި އިގްތިސާދީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އޭގެ ތެރެއިން ބުރޫނާއީގައި މިހާރުވެސް ދިވެހި ފަސް ދަރިވަރަކު ކިޔަމުންދާއިރު، މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ދިވެހި ދަރިވަރުންނަށް ސްކޮލަޝިޕްގެ އިތުރު ފުުރުސަތުތައް އެގައުމުން ހޯދުމާގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ބުރޫނާއީއަށް މިނިވަންކަން ލިބުނު ފަހުން ދެގައުމުގެ މެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. އެގޮތުން 1987 ވަނަ އަހަރު ބުރޫނާއީގެ މިނިވަންކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެ ވަޑައިގަތެވެ. މާލޭގައި ހުންނަ އިސްލާމީ މަރުކަޒު ބިނާކުރުމަށް ބްރޫނާއީން ތިން މިލިއަން ޑޮލަރުގެ އެހީ އެއްވެސް ދީފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ، 1999 ވަނަ އަހަރުން ފެށިގެން ރާއްޖެ-ބުރޫނާއީ ގުޅުމަށް ދޭންޖެހޭ މިންވަރަށް އަޅާލުން ދެވިފައެއް ނުވާ ކަމަށާއި އެގޮތުން މިދިޔަ 21 އަހަރުގެ ތެރޭގައި ދެގައުމުގެ މަތީ ލެވެލްގެ އެއްވެސް ބޭފުޅަކު އެއް ގައުމުން އަނެއް ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިނުވާ ކަމަށެވެ.
ރާއްޖެއާއި ބުރޫނާއީ ދެ ގައުމަކީ ވެސް ކޮމަންވެލްތު އަދި އޯއައިސީގެ މެމްބަރު ގައުމުތަކެވެ. ރާއްޖެއާއި ބްރޫނާއީއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރެވުނީ 31 މާޗް 1984 ގައެވެ.