ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ރޭ ހިންގި ހަމަނުޖެހުމެއްގައި އެ ޖަލުގައި މަސައްކަތްކުރާ ތިން އޮފިސަރަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ކަރެކްޝަންސް އިން މިއަދު ބުނީ، ހަމަނުޖެހުން ހިންގީ ގައިދީއަކު ޖަލުގައި ގެންގުޅުން މަނާއެއްޗެއް ގެންގުޅޭކަން ފާހަގަކުރެވިގެން ޖަލު އޮފިސަރުން އޭތި ނަގަން މަސައްކަތް ކުރުމުން ކަމަށެވެ. އަދި އެ ހަމަނުޖެހުން ހިންގާފައިވަނީ އެހެން ގައިިދީންތަކެއް ވެސް ބައިވެރިވެގެން ކަމަށް ބުނެއެވެ.
ނަމަވެސް ލަސްތަކެއް ނުވެ ހަމަނުޖެހުން ކޮންޓްރޯލްކޮށް ޖަލު އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
އެ ސާވިސް އިން ބުނީ، އެ ހަމަނުޖެހުންތަކުގައި ޖަލު ބަލަހައްޓާ ތިން އޮފިސަރަކަށް އެކިވަރުގެ އަނިޔާ ލިބުނު ނަމަވެސް ގައިދީއަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.