ޚަބަރު

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލޭގެ މިސްކިތްތަކުގެ ކާޕެޓްތައް ބަދަލުކޮށް، ސައި ހޮޓާތަކުގެ ސާފުތާހިރުކަން ބަލަނީ

އަލީ ޔާމިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގެ ކާޕެޓު ބަދަލުކޮށް، ސައި ހޮޓާތަކާއި ކެފޭތަކުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އާއި ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ގުޅިގެން ތަފާތު މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.

އެގޮތުން ޑިޒާސްޓާއިން ބައެއް ކަންކަން ކުރުމަށް ސިޓީ ކައުންސިލަށް ލަފާ ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ނިންމާފައިވާނެ މާލޭގައި ހުރި ހުރިހާ ސައިހޮޓާތަކާ ކެފޭތަކުގެ ބޭފުޅުންނާ ބައްދަލުކުރަން، އެ ބޭބޭފުޅުންނާ ބައްދަލުކޮށް ޑިޒާސްޓާ މެނޭޖްމެންޓުގެ ފަރާތުން މައުލޫމާތުތަކެއް އަޅުގަނޑުމެން އެ ބޭފުޅުންނާ ހިއްސާކުރާނަން. އަދި ކުރިއަށް އޮތްތަނުގައި އެތަންތަނުގައި ސެނިޓައިޒާ ފަދަ ތަކެތި ބެހެއްޓުމަށް ލިޔުމުން އިރުޝާދު ދޭނަން،" ޝިފާ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ، މާލޭގެ މިސްކިިތްތަކުގެ ސާފުތާހިރުކަން ކަށަވަރުކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މާލޭގެ މިސްކިތްތަކުގެ ތެރެއިން ކާޕެޓު އަޅާފައިވާ މިސްކިތްތައް ދެނެގަނެ، މިސްކިތްތަކުގެ ކާޕެޓް ބަދަލުކުރަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ. އަދި އެކަމުގައި ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.