އަލީ ޔާމިން
ޕީޕީއެމުން ކަމެއް ކުރާނަމޭ ބުނެފިނަމަ އެކަން ކުރާނެކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީގެ މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ނާސިރުގެ ކެމްޕޭން ޖަހަގަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މުއިއްޒު ވިދާޅުވީ، ކައުންސިލް އިންތިހާބު އެމްޑީޕީއަށް ދީފިނަމަ އިޔާދަނުކުރެވޭ ވަރުގެ ގެއްލުން ރާއްޖެއަށް ވެގެންދާނެ ކަމަށެވެ.
ނަމަވެސް ޕީޕީއެމްގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނަށް ފުރުސަތު ދީފިނަމަ މާލޭގެ ރައްޔިތުންގެ މޫނުތަނަށް ހިނިތުންވުން ގެނެސްދޭނެ ކަމަށާއި އަދި މާލޭގެ މޭޔަރުކަމަށް އޭނާ ހޮވިއްޖެނަމަ މާލޭގެ ރައްޔިތުންނަށް ހައްގުވާ ބޯހިޔާވަހިކަން ހޯދައިދިނުމަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އޭގެ އިތުރުން އެއްވެސް ބަހަނާއަކާ ނުލައި މާލޭގެ ރައްޔިތުންނަށް އިހްލާސްތެރިކަމާ ތެދުވެރިކަމާއެކު ނަތީޖާ ދައްކާނެ ކަމަށާއި ރައްޔިތުންގެ ހިދުމަތުގައި ރެއާއި ދުވާލު ތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރުން ރާއްޖެއަށް ތަރައްގީ ގެނެސްދީފައިވާ ކަމަށާއި އެހެންކަމުން އެ ޕާޓީން ކަމެއް ކުރާނަމޭ ބުނެފިނަމަ އެކަން ކުރާނެކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކަންތައްތައް ކޮށްދޭނެ ގޮތް އެނގޭ، އަޅުގަނޑުމެން ކަމެއް ކުރާނެ ކަމުގައި ބުނެފިނަމަ ހަގީގަތު ވެސް އެވާހަކަ ދައްކަނީ އެކަން ކުރާނެ ގޮތާމެދު ވިސްނާފައި އެކަން ކުރެވޭނެ ގޮތް އަޅުގަނޑުމެންގެ ސިކުނޑީގައި ހުރީމަ. އަޅުގަނޑުމެން މިހެން ދައްކާ ވާހަކަ ރައްޔިތުން ގަބޫލު ކުރާނެ، އެކަމެއް ކުރާނަމޭ އަޅުގަނޑުމެން ދަންނަވައިފިނަމަ އެކަން ކުރާނެކަން. އަޅުގަނޑުމެން އެވަނީ ބުރިޖު ވެސް އަޅާފައި. ހޮސްޕިޓަލު ވެސް އިމާރާތްކޮށްފައި. ހުޅުމާލެ ދެވަނަ ފިޔަވަހި ވެސް ހިއްކާފައި. އެތައް ކަމެއް ކޮށްދީފަ،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ނޫނެކޭ ބުނުމަކީ ގައުމީ މަސައްކަތެއް ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން، ވޯޓު ހޯދަން އެމްޑީޕީގެ މެންބަރުން ކައިރިއަށް ވެސް ދާންޖެހޭ ކަމަށް ވިދާޅުވިއެވެ.