ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން ކަމުގައިވީ ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި އެމްޑީޕީގެ "ރަށްވެހި ފަތިސް" ރ. އަތޮޅު ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރެވޭނީ އެމްޑީޕީއަށް ކަމަށެވެ. އަދި ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދަން އުޅުމަކީ ވެރިކަމަށް އައުމަށް ކޯލިޝަނުން ކުރި މަސައްކަތަށް ފުށު އަރާ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އިސްލާހުކޮށް ކައުންސިލްތަކަށް މިހާރު ދޫކޮށްފައިވާ ބާރުތަކަކީ ވެސް މީގެ ކުރިން އެއްވެސް ސަރުކާރަކުން ކުރި ކަމެއް ނޫން ކަމަށާއި އަދި އެކަމަކީ ވެރިކަމުގައި ހުންނަން ބޭނުންވާނަމަ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވި ކަމަށެވެ.
ނަމަވެސް އެ ބާރުތައް ކައުންސިލްތަކަށް ދޫކޮށްލީ އެމަނިކުފާނަކީ ރައްޔިތުންގެ ހާދިމަކަށް ވާތީވެ ރައްޔިތުންނަށް ބާރުތައް ދޫކޮށްލަން ޖެހޭ ކަމަށް ގަބޫލު ކުރައްވާތީ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކޮށްދެއްވުމަށް މީގެ ކުރިން ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް އައުމަށްފަހު އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވާދަކޮށްފައިވަނީ ވަކިވަކިންނެވެ. އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވެސް ޕާޓީތަކުން ވާދަކުރާނީ އެގޮތަށެވެ.
އެގޮތުން ސަރުކާރު ކޯލީޝަންގައި ހިމެނޭ އެމްޑީޕީން 876 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރެއެވެ. އަދި ސަރުކާރު ކޯލިޝަންގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީން 127 ކެންޑިޑޭޓުން ވާދަކުރާއިރު އާދަލަތު ޕާޓީން ވާދަކުރަނީ 30 ކެންޑިޑޭޓުންނެވެ. އެމްއާރުއެމް އިން ވާދަކުރަނީ 16 ކެންޑިޑޭޓުންނެވެ.