އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ ކުޑަކުދިންނަށް އަނިޔާ ކުރުމާއި ތަފާތު ބާވަތުގެ ގޯނާތައް ކުރުމާއި އިހުމާލުވުމުގެ މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
"ސެލެބްރޭޓިން އަ ޑިކޭޑް އޮފް ޑިފަރެންސް" ގެ ނަމުގައި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކުޑަކުދިންނަށް އަނިޔާ ކުރުމާއި ތަފާތު ބާވަތުގެ ގޯނާތައް ކުރުމާއި އިހުމާލުވުމުގެ މައްސަލައަކީ، އެކަންކަމުން ލިބޭ ގެއްލުމުގެ ނުރަނގަޅު އަސަރު އެ ކުދީންގެ މުޅި ހަޔާތަށް ދެމިގެންދާ ބޮޑެތި މައްސަލަތަކެއް ކަމަށެވެ.
ނަމަވެސް އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ މިފަދަ ކަންބޮޑުވާ މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މިހާރަށްވުރެ ހަރުދަނާކަމާއެކު މަސައްކަތް ކުރެއްވުމަށް ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ރައީސް ގޮވާލެއްވިއެވެ.
ކަމާއިބެހޭ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މި ދާއިރާގެ ފަންނީ ބޭފުޅުން މަދުވުމަކީ އެއް މައްސަލަ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އިޖްތިމާއީ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާ އަދި ޖަމާއަތްތަކުގެ ދައުރު އިތުރަށް ފުޅާކޮށް، އެ ފަރާތްތަކުގެ މަސައްކަތްތައް ހަރުދަނާ ކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުޑަކުދިންނަށް އަނިޔާ ކުރުމާއި ތަފާތު ބާވަތުގެ ގޯނާތައް ކުރުމާއި އިހުމާލުވުމުގެ މައްސަލަތައް ހައްލު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައެވެ.
އެގޮތުން މިފަދަ މައްސަލަތައް ބެލުމަށް ހާއްސަ ކޮމިޝަނެއް އުފައްދަވާފައިވާ ކަމަށާއި އެ ކޮމިޝަނުގެ މަސައްކަތަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި އެހެނިހެން ގަވާއިދުތަކުގެ ދަށުން، ޖިނާއީ ދައުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މައުލޫމާތު ހޯދައި އެކަމުގެ ފުރިހަމަ ދިރާސާއެއް ހެދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު މިދިޔަ އަހަރުގެ ތެރޭގައި ތަސްދީގުކޮށް، މިހާރު އަމަލުކުރަން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހަމައެއާއެކު ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަސްދީގުކޮށްފައިވާ ކަމާއި އަންހެނުންނާއި މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލުމާއި ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (ސީޑޯ) ގެ 16 ވަނަ މާއްދާއަށް، ދިވެހި ދައުލަތުގެ ފަރާތުން މީގެ ކުރިން ކޮށްފައި ހުރި ބައެއް އިއުތިރާޒުތައް، އަނބުރާ ނަގައިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.