ޚަބަރު

ވެރިކަމަށް ކުރިމަތިލެވޭ އުމުރު އަވަސްއަރުވައިލައިގެން ބަދަލުކުރަންޖެހޭ ސަބަބެއް ނެތް: އެމްޑީޕީ މެންބަރުން

އަހުމަދު ޖައިޝަން

ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު ބަދަލުކުރަން އުޅެނީ އަވަސް އަރުވާލައިގެން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ކަނބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު އުވާލަން ގާނޫނު އިސްލާހު ކުރުމަށް މިއަދު ވަނީ މަޖިލީހަށް ހުށަހަޅައި އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައެވެ.

އެ މައްސަލައިގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހުތަކެއް ގެނެވެން ވާނީ މުހިއްމު އަދި ބޭނުންތެރި އިސްލާހުތަކެއް ކަމަށެވެ.

އަދި އެ އިސްލާހުތަކަކީ އާންމުންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ އިސްލާހަކަށް ވާން ޖެހޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެކި ފަހަރުތަކުގެ މަތީން ގާނޫނު އަސާސީއަށް ވަކި ކަންކަމަށް ވަކި ފަރާތްތަކަށް އަމާޒުވެގެން ބަދަލު ގެނެވިގެންދާ ކަންތައްތައް،" އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އިސްލާހީ އެޖެންޑާގައި މިހާރުވެސް ވަރަށް މުހިއްމު ބިލްތަކެއް ހުރި ކަމަށާއި އެފަދަ ކަންތައް ހުރިއިރު މި ބިލު ހުށަހެޅިގެން އެ ބިލުގެ މަސައްކަތް ވަގުތުން ވަގުތަށް ކުރިއަށް ގެންދިޔުމުން ސުވާލު އުފެދޭ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްވަމުން ގަލޮޅު އުތުރު މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ގާނޫނު އަސާސީއަށް "ކުއްލި ކުއްލި" ބަދަލު ގެންނަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އީވާ ވިދާޅުވީ ގާނޫނު އަސާސީއަށް ބޮޑެތި އިސްލާހު ގެންނައިރު އެ މަސައްކަތް ކުރެވެން ޖެހޭނީ މަޝްވަރާކުރެވިގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތް އިސްލާހަކީ ރައްޔިތުންނަށް ސީދާ ގުޅުން އޮތް އިސްލާހެއް ނޫން،" އީވާ ވިދާޅުވިއެވެ.

އާ ރައީސެއް އިންތިހާބުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވާއިރު އަދި ރިޔާސީ އިންތިހާބެއް ބޭއްވުމާ ދޭތެރޭ އިތުރު ފަސް އަހަރު އެބަ އޮތް ކަމަށް އީވާ ފާހަގަކުރެއްވި އެވެ.