މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނޯ (އެމްޓީސީސީ) އިން އިތުރު 150 ވަޒީފާ ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ބޮޑު ތިލަދުންމަތީގެ ހަތަރު ރަށެއްގައި ހިންގަމުން ގެންދާ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލާލުމަށް އެރަށްތަކަށް ކުރެއްވި ދަތުރުތަކުގެ ތެރެއިން ހަނިމާދޫއަށް ވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، އެކުންފުނިން 200 އަށްވުރެ ގިނަ ވަޒީފާ އިއުލާން ކޮށްފައިވާއިރު ބައެއް ދާއިރާތަކުން އަދިވެސް މީހުން ނުލިބޭ ކަމަށެވެ. އޭގެ ތެރޭގައި ޓެކްނިކަލް ވަޒީފާތަކަށް އަދިވެސް ގިނަ އަދަދެއްގެ މީހުން ބޭނުންވާ ކަމަށެވެ.
އާޒިމް ވިދާޅުވީ، ކުރިއަށް އޮތް ދެމަސް ތެރޭގައި އިތުރު 150 ވަޒީފާ ހުޅުވާލާނެ ކަމަށާއި އެ ވަޒީފާތަކަށް ކުރިމަތިލާ ކުދިން ވީ އެންމެ އަވަހަކަށް ތަމްރީނުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވަޒީފާއަށް ނުކުންނަން ބޭނުންވާ ދިވެހިން ތިބިއްޔާ ވަޒީފާތައް އުފައްދަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.
"އަަޅުގަނޑުމެން އަދިވެސް ކުރިއަށް އޮތް މަހެއް ދެމަސް ތެރޭގައި އިތުރު 150 ވަޒީފާއެއް ހުޅުވާލާނަން. އެ ހުޅުވާލައި އަޅުގަނޑުމެން އެކި ރަށްރަށަށް ބޭނުންވާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނަން. އެހެންވެ މި ހުޅުވާލާ ފުރުސަތުގެ ބޭނުން ހުރިހާ ކުދިން ހިފާ މިހާރުވެސް މި ވަޒީފާތަކަށް ތައްޔާރުވާން ބޭނުންވާ ކުދިން ހަމަ ސިޓީ ފޮނުވަމުން ދިޔައީމަ އަޅުގަނޑުމެންގެ ޓެކްނިކަލް މަސައްކަތަށް އެކުދިން ވީހާވެސް އަވަހަށް ޓްރެއިން ކުރުމަށް މަސައްކަތް ކޮށްދެވޭނެ،" އާޒިމް ވިދާޅުވިއެވެ.
ދިވެހިންނަށް ހާއްސަކޮށްގެން އެމްޓީސީސީން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު 200 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލައިފައެވެ.
އެމްޓީސީސީއަށް ބޭނުންވާ ވަޒީފާތަކުގެ ތެރޭގައި ކައްކާއިންނާއި ކައްކާއިންގެ އެހީތެރިންނާއި ލޭބަރުންނާއި ވެލްޑަރުންނާއި ސުޕަވައިޒަރުންނާއި އެސްކެވޭޓާ ޑްރައިވަރުންނާއި އެހެނިހެން ވެހިކަލްތައް ދުއްވާ ޑްރައިވަރުން ހިމެނެއެވެ. މި ވަޒީފާތަކަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން ތަމްރީނު ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީން ތަމްރީން ދޭނެއެވެ.
އެމްޓީސީސީން މިވަގުތު 37 މަޝްރޫއެއްގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެއެވެ. މީގެ އިތުރުން 49 މަޝްރޫއެއްގެ މަސައްކަތް ފެށުމަށް މިހާރުވަނީ ތައްޔާރުވެފައެވެ.