މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބޮޑު ތިލަދުންމަތީގެ ހަތަރު ރަށެއްގައި ހިންގަމުން ގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް މީޑިއާއާއެކު އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ހަނިމާދޫ، ކެލާ، ހޯރަފުށި އަދި ކުޅުދުއްފުށި ސިޓީއަށް މިއަދު ހާއްސަ ދަތުރެއް ކުރައްވައިފިއެވެ.
އެމްޓީސީސީން ހދ. ހަނިމާދޫގައި ކުރިއަށް ގެންދާ ބަނދަރު ހެދުމުގެ މަޝްރޫއާއި މަގު ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން އާޒިމް ވިދާޅުވީ، އެ ދެ ޕްރޮޖެކްޓު ވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
ޖުމްލަ 46 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ ހަނިމާދޫ މަގު ހެދުމުގެ ޕްރޮޖެކްޓުގެ ދަށުން 18 މަގެއްގައި ޕޭވްމަންޓް ހަދައި އެމަގުތަކުގައި ތާރު އެޅިގެންދާނެއެވެ. އަދި އެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އާޒިމް ވިދާޅުވީ، އެ މަޝްރޫއުގެ 38 ޕަސެންޓް ނިމިފައިވާ ކަމަށާއި މަސައްކަތް އަންނަ އޮގަސްޓް މަހުގެ ކުރިން ނިންމާލެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
ޖުމްލަ 57 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރާ ހަނިމާދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން އާޒިމް ވިދާޅުވީ، އެ ޕްރޮޖެކްޓުގެ ދަށުން މިހާރު ކުރެވެމުން ދަނީ ތިމާވެއްޓަށް އަސަރުފޯރާ މިންގަނޑު ބަލާ ރިޕޯޓް ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަޝްރޫއު އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ނިންމާލެވޭނެ ކަމަށާއި މަޝްރޫއު ނިމިގެންދާއިރު އެ ބަނދަރަކީ ހިތްގައިމު ބަނދަރަކަށް ވެގެންދާނެ ކަމަށެވެ.
"ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު ބޭރުތޮށި 355 މީޓަރު ބޭރު ތޮށި ލެވިގެންދާނެ. 50 މީޓަރު ހިލަ އެގަމު ލެވިގެންދާނެ 90 މީޓަރުގެ ސަރަހައްދެއްގައި ތޮށި ޖެހުން އޮންނާނެ. އަދި ހަމަ އެއާއެއްކޮށް 85،000 ކިއުބިކް މީޓަރުގެ ސަަރަހައްދެއް ކޮނެގެންދާނެ. މި ބަދަރަކީ ވަރަށް ބޮޑު ހިތްގައިމު ބަނދަރަކަށް ވެގެންދާނެ މަސައްކަތް ނިމޭއިރު،" އާޒިމް ވިދާޅުވިއެވެ.
މި ދަތުރުގައި އާޒިމް ވަނީ ހއ. ކެލާއަށް ވަޑައިން އެރަށުގައި އެމްޓީސީސީން ކުރިއަށް ގެންދަނީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ބައްލަވާލައްވައިފައެވެ. އެ މަޝްރޫއާ ގުޅޭގޮތުން އާޒިމް ވިދާޅުވީ، އަމާޒަކީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އެ މަސައްކަތް ނިންމުން ކަމަށެވެ. ނަމަވެސް ޑުރެޖް ކުރަމުންދާ ތަންތަނަށް ވެލި އެރުމުން ދަތިތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.
އެ މަޝްރޫއުގެ ދަށުން 16،264 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނުމަށް ވަނީ ނިންމައިފައެވެ. އަދި 31 މީޓަރުގެ ބޭރު ތޮށި ޖެހުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 220 މީޓަރުގެ ސަރަހައްދެއްގައި ތޮށި ޖެހުމާއި ބަނދަރުގެ އެއްގަމުގައި 50 މީޓަރު ތޮށި ޖެހުމުގެ އިތުރުން 1445 އަކަ ފޫޓުގެ ޕޭވްމެންޓް ހެދުމާއި ބަނދަރުގައި ލައިޓް ހަރުކުރުން ހިމެނެއެވެ.
ހދ. ކުޅުދުއްފުށި ސިޓީގައި 126 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްޓީސީސީން ކުރިއަށް ގެންދާ ހާބަރު އެކްސްޕޭންޝަން ޕްރޮޖެކްޓާގުޅޭ ގޮތުން އާޒިމް ވިދާޅުވީ، އެ މަސަައްްކަތުގެ 85 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން 236،844 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނެ، 658 މީޓަރުގެ ބޭރު ތޮށި ޖަހާނެ ކަމަށާއި އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަށް 481 މީޓަރުގެ ތޮށި ޖަހާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އޭގެ އިތުރުން ބަނދަރުގެ އެއްގަމު ތޮށި 500 މީޓަރު ޖަހާއިރު، އެ މަޝްރޫއާއެކު މަސްމާރުކޭޓާއި ޓާމިނަލާއި 148 މީޓަރުގެ ފްލޯޓިން ޕޮންޓޫން ހެދިގެންދާނެއެވެ. މި މަޝްރޫއު ނިންމަން ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުއެވެ.
ހއ. ހޯރަފުށީގައި އެމްޓީސީސީން ކުރިއަށް ގެންދާ ޕްރޮޖެކްޓަކީ އެރަށުގައި ހަދާ އެއާޕޯޓްގެ މަސައްކަތެވެ. ޖުމްލަ 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓާ ގުޅޭގޮތުން އާޒިމް ވިދާޅުވީ އެ މަޝްރޫއުގެ 52 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ، އެމްޓީސީސީން 40 މަޝްރޫއެއް މުޅި ރާއްޖޭގައި މިހާރު ވެސް ހިންގަމުންދާއިރު އެ މަޝްރޫއުތަކުގައި މަސައްކަތް ކުރަނީ އެމްޓީސީސީގެ މުވައްޒަފުން ކަމަށެވެ. އަދި މަޝްރޫއުތަކަށް ބޭނުން ކުރާނެ ވަސީލަތްތައް ވެސް ކުންފުނީގައި އެބަހުރި ކަމަށް ވިދާޅުވިއެވެ.