ރޯގާފަދަ ބަލިތައް އިތުރުވާނަމަ އެކަމަށް ބޭނުންވާ ބޭސްތައް ގެނައުމުގައި އެއްވެސް ދަތި ކަމެއް ނެތް ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެޑިކަލްގެ ސީނިއާ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން ވިދާޅުވީ ރޯގާތައް އިތުރުވެއްޖެ ހާލަތުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ބޭހުގެ ބާވަތްތައް އެއްވެސް ދަތިކަމަކާއި ނުލައި ލިބޭނެ ގޮތަށް އެސްޓީއޯއިން ކަންކަން ރާވާފައިވާ ކަމަށެވެ.
އޭގެ އިތުރުން ކަންކަން ގޯސްވާ ހާލަތްތަކުގައި ވެސް ބޭހުގެ ސްޓޮކް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށާއި އިންޑިއާ އިން ލިމިޓްކޮށްފައިވާ ބޭސް އެހެން ގައުމަކުން ގެނެއުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މި ދުވަސްވަރު ދުނިޔޭގެ ގައުމުތަކުގައި ކޮވިޑް-19 ފެތުރޭތީ ރައްކާތެރިވުމަށް ބޭނުންވާ މާސްކާއި ހޭންޑް ސެނިޓައިޒާ ވެސް ރައްޔިތުންނަށް ބޭނުންވާ ވަރަށް އެސްޓީއޯގައި އެބަހުރި ކަމަށެވެ.
ނަމަވެސް ބޭނުން ނުޖެހެނީސް މާސްކު އަޅައި ގޭގޭގައި މާސްކު ގަނެފައި ބަހައްޓާނަމަ އޭގެ ސަބަބުން ދަތިތަކާއި ކުރިމަތިވެދާނެ ވިދާޅުވިއެވެ.
ބޭސްތައް ގެނައުމުގައި އެއްވެސް ދަތި ކަމެއް ނެތް ކަމަށް އެސްޓީއޯއިން ބުނެފައިވާއިރު ޖެނެރިކް ބޭސްތައް އެންމެ ގިނައިން ސްޕްލައިކުރާ ދުނިޔޭގެ މައި ގައުމު، އިންޑިއާ އިން ބޭސް އެކްސްޕޯޓްކުރާ މިންވަރު ވަނީ ލިމިޓް ކޮށްފައެވެ.
އިންޑިއާއިން ލިމިޓްކުރި ބޭސްތަކުގެ ތެރޭގައި އާންމު ތަދުތަކަށް ބޭނުންކުރާ ޕެރެސެޓްމޯލް އަދި ވިޓަމިން ބީ1، ވިޓަމިން ބީ6، ވިޓަމިން ބީ12 އަދި އޭގެ ފޯމިއުލޭޝަންތައް ހިމެނެއެވެ. އޭގެ އިތުރުން ބޭސްތައް އުފައްދަން ބޭނުންކުރާ 26 ވައްތަރެއްގެ ފާމަސޫޓިކަލް އިންގްރިޑިއެންޓްސް ވެސް އެކްސްޕޯޓް ކުރުން ވަނީ ލިމިޓް ކޮށްފައެވެ.