ޚަބަރު

ހާމަކަން ބޮޑު ގޮތެއްގައި ޕީޖީ އޮފީހުން މައުލޫމާތު އާންމުކުރާނެ: ޝަމީމް

އަހުމަދު އައުފް އަބްދުލް ސަމަދު

ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އަކީ ކުރިއަށްވުރެ ބޮޑަށް މައުލޫމާތު އާންމުކުރާ އޮފީހަކަށް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

އިންފޮމޭޝަން ކޮޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުންގެ ފިޓްނެސް ޕްރޮގްރާމް "ފިޓްއައިކޮމް" ފެށުމަށްޓަކައި އެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕީޖީ ޝަމީމު ވިދާޅުވީ، ޕީޖީ އޮފީހުން މައުލޫމާތު ހޯދުމަށް ދަތިވާ ބަައެއް ކަންތައްތައް އެބަހުރި ކަމަށެވެ.

މިސާލެއްގެ ގޮތުން ފާހަގަކުރެއްވީ ކުށުގެ ރެެކޯޑް ސާފުކުރުމުވެ. ނަމަވެސް އެކަމަށް ވެސް ލުއިތަކެއް ހޯދައި ދިނުމަށްޓަކައި ވަގުތުން ކުށުގެ ރެކޯޑު ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ދައުވާ ކުރެވޭ މީހުންނަށް ވެސް އެމީހުންނާމެދު ހުށައެޅޭ ދައުވާގެ މައުލޫމާތު މިހާރު ފަސޭހައިން އެނގޭނެ ކަމަށެވެ.

"މީހުންގެ މައްޗަށް ދައުވާ ކުރީމަ މީހުން އެހާ އުފަލެއް ނުވާނެ. އެކަމަކު އެކަން އެބަ އަންގަންޖެހޭ. ކުރީގައި އަޅުގަނޑުމެން އެކަން އަންގަނީ ސިޓީއަކުން. އެކަމަކު މިހާރުވާނީ އެކަން ބަދަލުކޮށްފައި. އެސްއެމްއެސް އަކުން އެމީހާއަށް ދައުވާގެ މައުލޫމާތު ފޮނުވޭނެ،" ޝަމީމް ވިދާޅުވިއެވެ.

އޮފީހުގައި އުޅޭ ވަގުތު އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކުރެވެނީ ޑިއުޓީ ގަޑީގައި ސޯޝަލް މީީޑިއާއާ ދުރުހެލިވެގެންކަން ފާހަގަކުރައްވާ ޕީޖީ އިތުރަށް ވިދާޅުވީ، ޕީޖީ އޮފީހުގެ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި އެ އޮފީހުގެ މަސައްކަތްތައް ވަކި ގޮތަކަށް ބައްޓަން ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑު މުވައްޒަފުންނަށް ދަންނަވަނީ ރަނގަޅަށް ސައިބޮގެން، ހެނދުނު ކަސްރަތުކޮށްގެން ތައްޔާރުވެގެން އަށެއް ޖަހާއިރު އޮފީހަށް ވަޑައިގަންނަވަންވީއޭ. އޮފީހުގައި ރަނގަޅަށް މަސައްކަތް ކުރެއްވުމަށްފަހު ތިނެއް ޖެހީމާ ގެއަށް ދުރުވާށޭ. އޭގެފަހުން އޮފީހުގައި ނޫޅުއްވާށޭ،" ޝަމީމް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެންމެ ރަނގަޅަށް މަސައްކަތް ކުރަނީ ޕީޖީ އޮފީހުން ކަމަށެވެ.

އެގޮތުން އެންމެ ގިނައިން މައްސަލަ ހުށަހެޅި، އޭގެ ތެރެއިން ގިނަ މައްސަލަތަކަށް ޖަވާބުދީފައިވާ މުއައްސަސާއަކީ ޕީޖީ އޮފީހުންކަން ފާހަގަކުރައްވާ ފިޔާޒު ވިދާޅުވީ، މިދިޔަ އަހަރު އެ އޮފީހަށް 316 މައްސަލަ ހުށަހެޅުނުއިރު އޭގެ ތެރެއިން 307 މައްސަލައަށް އެ އޮފީހުން ޖަވާބުދީފައިވާ ކަމަށެވެ.