އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށް އެކުލަވައިލި ކޮމެޓީގެ ރިޕޯޓު މަޖިލީހަށް ހުށަހަޅައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓު ދިރާސާ ކުރި ކޮމިޓީން ވަނީ 30.25 ބިލިއަން ރުފިޔާއަށް ބަޖެޓު ބޮޑުކޮށްފައެވެ.
އެ ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މިއަދު ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅުއްވަމުން ވިދާޅުވީ ބަޖެޓަށް އިތުރު ކުރެވުނު 604 މިލިއަން ރުފިޔާއަކީ ޕީއެސްއައިޕީ ބަޔަށާއި ބައެއް ރިކަރަންޓް ހަރަދުތަކަށް އިތުރު ކުރެވުނު އަދަދު ކަމަށެވެ.
އޭނާ ވިދާޅުވީ ބަޖެޓަށް އިސްލާހު ގެނައުމުގައި ވަރަށް ގިނަ ކަންތައްތަކަށް ބަލާފައިވާ ކަމަށެވެ. އެގޮތުން ފިސްކަލް ހެލްތާއި މެޓްރޯ އެކޮނޮމިކް އެންވަޔަރަންމެންޓް ހުރިގޮތަށް ހާއްސަ އަހައްމިއްޔަތެއް ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަޖެޓަށް ގެނައި ބޮޑެތި ބަދަލުތަކުގެ ޚުލާސާ:
1. ހިލޭ އާމްދަނީގެ ގޮތުގައި ލިބޭ އަދަދު ވަނީ 300 މިލިއަން ރުފިޔާއަށް އިތުރުކޮށްފައި
2. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބަޖެޓަށް 25 މިލިއަން ރުފިޔާ އިތުރުކޮށްފައި
3. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބަޖެޓަށް ދެ މިލިއަން ރުފިޔާާ އިތުރުކޮށްފައި
4. ޑިޕާޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަންގެ ބަޖެޓަށް 50 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްފައި
5. ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށް ލިބޭ މާލީ އިނާޔަތަށް މަހަކު ދޭ 75،000 ރުފިޔާ އާއި އިނާޔަތުގެ ގޮތުގައި ލިބޭ 10،000 ރުފިޔާ، ބަޖެޓުން އުނިވެފައި ވާތީ އެކަންތައް ވަނީ އިތުރުކޮށްފައި
6. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓަށް ޖުމްލަ 31.8 މިލިއަން ރުފިޔާ އިތުރުކޮށްފައި
7. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަޖެޓަށް 37 މިލިއަން ރުފިޔާ އިތުރުކޮށްފައި
ޝަރީފް ވިދާޅުވީ މިހާރު ކުރިއަށް ގެންދިޔުމަށް ހުށަހަޅާފައިވާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށްވެސް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.