ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެކްޓިން ޕޮލިސް ކޮމިޝަނަރު ނަވާޒް، އިބޫއާ ބައްދަލުކުރައްވައިފި

އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ނަވާޒް، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ ބައްދަލުކުރައްވައިފިއެވެ.

އިބޫގެ ކެމްޕޭން އޮފީހުގައި ނަވާޒާއެކު ބޭއްވި ބައްދަލުވުމުގައި އިބޫގެ އިތުރުން އިންތިހާބީ ބައިވެރިޔާ ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިބޫގެ ކެމްޕޭން ޓީމުން ބުނާގޮތުގައި އެކްޓިން ސީޕީ ނަވާޒް ވަޑައިގެންނެވީ އިހުތިރާމްގެ ޒިޔާރާތެއްގައެވެ. އެ ބައްދަލުވުމުގެ އިތުރު ތަފްސީލެއް ދީފައިނުވާ އިރު، ފުލުހުން އެކަމާ ގުޅޭ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

އެކްޓިން ސީޕީގެ މަގާމާ ނަވާޒް ހަވާލުވެވަޑައިގެންނެވީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ އިދާރާގެ ކޮމިޝަނަރުގެ މަގާމަށް ގެނެވުނު ބަދަލުތަކާއެކުއެވެ. އޭރު ހުންނެވި ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް މަގާމުން ވަކިކޮށް، އެ މަގާމަށް އަހްމަދު ސައުދީ އައްޔަންކުރެއްވި ނަމަވެސް، ފަހުން އޭނާ ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ސައުދީ ވަކިކުރުމަށްފަހު، އެކްޓިން ކޮމިޝަނަރަކަށް ނަވާޒް ހަމަޖެއްސިއެވެ.