އަލީ ޔާމިން
މާލެ-ތިލަފުށި ގުޅާލާ ބުރިޖު އެޅުމަށް އެއްގަމާއި ކަނޑުގެ ސާވޭތަކެއް ހެދުމަށް ނެދަލެންޑްސްގެ ކުންފުންޏަކާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ބްރިޖުގެ ޑިޒައިނަށް ބޭނުންވާ މެރީން ޖިއޯ ޓެކްނިކަލް ސާވޭ ކުރުމާއި ލޭންޑް ޖިއޯ ފިޒިކަލް ސަވޭ ކުރުމަށް ހަވާލުކޮށްފައި ވަނީ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.
އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 15.9 މިލިއަން އެމެރިކާ ޑޮލަރު (246 މިލިއަން ރުފިޔާ) އަށް، އަންނަ ޖުލައި މަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އިންފްރާސްޓެކްޗާ، ފާތިމަތު ޝާނާ ފާރޫގެވެ. އަދި ފުގްރޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ރީޖަނަލް ބިސްނަސް ލައިން ޑިރެކްޓާ، ލޭންޑް ސްޓޭޓް ކެރަކްޓެރިސްޓިކް އެމްއީއައި، ލޮއިސް ބަރުނާޑެވެ.
މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން ސާވޭ ކުރުމަށް ހަމަޖެހިފައިވާ ކަނޑުގެ 23 ތަނެއްގައި ބޯހޯލް އަޅާ ސާވޭ ކުރާއިރު އެއްގަމުގެ ފަސް ސަރަހައްދެއްގައި 75 މީޓަރު ފުން މިނެއްގައި ބޯހޯލް އަޅައިގެން ސާވޭ ކުރާނެއެވެ.
އިންޑިއާގެ ލޯނު އެހީގައި އެގައުމުގެ ކުންފުންޏަކާ ހަވާލުކޮށް އަޅާ މާލެ އާއި ތިލަފުށި ގުޅާލާ ބުރިޖުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.