ޚަބަރު

މިދިޔަ ފަސް އަހަރުގެ ތެރޭގައި އުމުރުން 15 އަހަރާއި 19 އަހަރާއި ދެމެދު ވިހޭ މީހުންގެ ނިސްބަތް ދަށަށް

އަލީ ޔާމިން

މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އުމުރުން 15 އަހަރާއި 19 އަހަރާއި ދެމެދު ވިހޭ މީހުންގެ ނިސްބަތް 5.1 އިންސައްތަ ދަށް ވެއްޖެއެވެ.

ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމެންޓް ޕްރޮގްރާމު (ޔޫއެންޑީޕީ)އިން މިއަހަރު އާންމު ކޮށްފައިވާ "ޓެކްލިން ޝޯޝިއަލް ނޯމް"ގައި ވާ ގޮތުން 2015 ވަނަ އަހަރުން 2020 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުމުރުން 15 އަހަރާއި 19 އަހަރާއި ދެމެދު ވިހޭ މީހުންގެ އަދަދު ވަނީ 5.1 އިންސައްތަ މަދުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން 2014 ވަނަ އަހަރު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވާގޮތުން ރާއްޖޭގައި އުމުރުން 15 އަހަރާއި 19 އަހަރާއި ދެމެދު ވިހޭ އަންހެނުންގެ ނިސްބަތަކީ 12.9 އިންސައްތައެވެ. ނަމަވެސް 2020 ވަނަ އަހަރާއި ހަމައަށް އައި އިރު މި އަދަދު މިވަނީ 7.8 އިންސައްތައަށް ދަށްވެފައެވެ.

ޔޫއެންޑީޕީގެ ރިޕޯޓުގައިވާ ގޮތުން 2018 ވަނަ އަހަރު ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ނިސްބަތަކީ 5.9 އިންސައްތައެވެ. އަދި 2010 ވަނަ އަހަރުން 2018 ވަނަ އަހަރާއި ދެމެދު ސާނަވީ ތައުލީމު ހާސިލުކުރި އުމުރުން 25 އަހަރުން މަތީގެ އަންހެނުންގެ ނިސްބަތް އުޅެނީ 44.9 އިންސައްތައިގައެވެ. އަދި ފިރިހެނުން އުޅެނީ 44.9 އިންސައްތައިގައެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު ރާއްޖޭގައި ވަޒީފާ އަދާ ކުރާ 15 އަހަރުން މަތީގެ އަންހެނުންގެ ނިސްބަތަކީ 41.9 އިންސައްތައެވެ. 2018 ވަނަ އަހަރު ރާއްޖޭގައި ވަޒީފާ އަދާކުރި ފިރިހެނުންގެ އިންސައްތަކީ 82.0އެވެ.

އެ ރިޕޯޓުގައި ރާއްޖެ ހިމަނާފައިވަނީ ހައި ހިއުމަން ޑިވެލޮޕްމަންޓް ރޭންކްގައެވެ.