ޚަބަރު

ނިމުނު ހަފްތާގައި ދައުލަތަށް ލިބުނު އާމްދަނީ އަށްވުރެ ހަރަދު އިތުރު!

ނިމުނު ހަފްތާގައި ދައުލަތަށް ލިބުނު އާމްދަނީ އަށްވުރެ ހަރަދު އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އާންމުކުރި މިއަހަރުގެ އަށް ވަނަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި ދައުލަތަށް 3،403.6 މިލިއަން ރުފިޔާ ލިބިފައިވާއިރު 3،871.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެހެންކަމުން ދައުލަތަށް ލިބުނު އާމްދަނީ އަށްވުރެ އިތުރަށް 467.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

ނިމުނު އަހަރުގެ އެ މުއްދަތާއި ހަމައަށް ދައުލަތަށް 4،212.8 މިލިއަން ލިބިފައިވެއެވެ. އެހެންކަމުން ނިމުނު އަހަރުގެ ފުރަތަމަ އަށް ހަފްތާއާއި އަޅާބަލާއިރު މިއަހަރު މިހާތަނަށް ދައުލަތަށް އާމްދަނީ ވަދެފައިވަނީ 782.2 މިލިއަން މަދުކޮށެވެ.

ނިމުނު އަށް ހަފްތާގައި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް 1238.7 މިލިއަން ރުފިޔާ ލިބިފައިވާއިރު ބީޕީޓީގެ ގޮތުގައި ލިބިފައިވަނީ 1،057.9 މިލިއަން ރުފިޔާއެވެ. އަދި ހަމަ އެ މުއްދަތުގައި ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ދިނުމަށް 747.6 މިލިއަން ހޭދަކޮށްފައިވާއިރު ދައުލަތުގެ ދަތުރުތަކަށް 22.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މި ތަފާސް ހިސާބު ދައްކާގޮތުން ސަބްސިޑީސްގެ ގޮތުގައި 235.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި އާސަންދައަށް 99.0 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް ފާއިތުވި އަށް ހަފްތާގައި 764.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް 10،454.8 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.