ޚަބަރު

މާލެ - ތިލަފުށި ބްރިޖު އަޅާނީ އިންޑިއާގެ އެހީގައި

އަހުމަދު އައުފް އަބްދުލް ސަމަދު

މާލެ އާއި ތިލަފުށި ގުޅުވާލާ ބުރިޖު އަޅާނީ އިންޑިއާގެ އެހީގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ބްރިޖުގެ ގްރައުންޑް އިންވެސްޓިގޭޝަން މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގައި ބްރިޖު އެޅި ނަމަވެސް އެ ބްރިޖު އެޅުމަށް އިންޑިއާ ސަރުކާރުން ދެނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ޔަގީންނުވާ ކަމަށެވެ.

ނަމަވެސް އެކަމާގުޅޭ އެހެނިހެން ކަންކަމާބެހޭ ގޮތުން ދެ ސަރުކާރުގެ ދެމެދުގައި މަޝްވަރާތައް ކުރެވެމުންދާކަން ފާހަގަކުރައްވާ އަކްރަމް ވިދާޅުވީ، ބޭރު ގައުމަކުން ލޯނެއް ދޭނަމަ އަމަލުކުރާ އުސޫލަކީ ލޯނު ދޭ ގައުމެއްގެ ސަރުކާރުގެ ކުންފުނިތައް ބައިވެރިކުރުން ކަމަށެވެ.

އެހެންކަމުން ބުރިޖުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ޓެންޑާގެ މަސައްކަތްތަކާއި ކުންފުނިތައް ޝޯޓް ލިސްޓުކުރުމުގެ މަސައްކަތް ވެސް ކުރާނީ އިންޑިއާ ސަރުކާރުން ކަމަށާއި އެގޮތުން ބްރިޖުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ޓެންޑަރިންގެ މަސައްކަތް ކުރިއަށްދާނީ ޖުލައި ހިސާބުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ މާލެ އާއި ތިލަފުއްޓާ ދެމެދު ބުރިޖު އެޅުމަށް 411 މިލިއަން ރުފިޔާ ހަރަދު ކުރުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ. އެ މަޝްރޫއަށް 488 މިލިއަން ޑޮލަރު ނުވަތަ 7.5 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ލަފާކޮށްފައެވެ.