ޚަބަރު

މަޑުއްވަރިން ހައްޔަރުކުރި ހަރުކަށި ފިކުރުގެ ހަ މީހުންނަށް ދައުވާ ކުރަން ފޮނުވައިފި

އިބްރާހިމް ޒަކީ

ރ. މަޑުއްވަރިން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންނަށް ދައުވާކުރަން ފޮނުވައިފިއެވެ.

މި ހަ މީހުންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ހޯދަން ފުލުހުންނާއި ސިފައިން އެރަށުގައި ހިނގި ހާއްސަ އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި މީހުންނެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލުކޮށް، ރާއްޖޭގައި އެ ފިކުރު ކުރިއެރުވުމަށް މަސައްކަތްކޮށް، ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގަ ބައިވެރިވުމަށް ދިވެހިން ފޮނުވުމަށް މަސައްކަތްކުރި މައްސަލާގައި ރ. މަޑުއްވަރިން ހައްޔަރު ކުރި މީހުންގެ މައްޗަށް ދައުވާ ހުށަހަޅާފައިވާ ކަމަށެވެ.

ދައުވާ ކުރަން ފޮނުވި މީހުންގެ ތެރެއިން، ރ. މަޑުއްވަރީ/ މީރާ، ހަސަން ރާލީ އަށް ތިން ދައުވާ އެއް ކުރަން ވަނީ ހުށަހަޅައިފައެވެ. އެއީ ގާނޫނުލްއުގޫބާތުގެ ދަށުން، އޮރިޔާން ކާޑު އުފައްދައި ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.

ރ. މަޑުއްވަރީ/ ގުލްއަލާ، އިބްރާހީމް ޖިހާދު އާއި އެރަށު މީޒާން، އާދަމް ސުހައިލްގެ މައްޗަށް ދެ ދައުވާއެއް ކުރަން ވަނީ ހުށަހަޅައިފައެވެ. އެއީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.

ދެން ހިމެނޭ މަޑުއްވަރީ/ މީޒާން، ހަސަން ސިޔާދު އާއި ނ. މަނަދޫ/ ގަހާ، އިބްރާހީމް ޝިބުނީގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ ހުށަހަޅާފައިވާއިރު މަޑުއްވަރީ/ ސައީދާމަންޒިލް، މުހައްމަދު މައުޖޫދުގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.