ޚަބަރު

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ ތަހުގީގު ކުރި މައްސަލައަށް ނޫން ކަަމަށް ބުނުމުން ދައުލަތުން ޖަވާބު ދީފި

އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ކޮށްފައިވަނީ، ފުލުހުން ތަހުގީގު ކުރި މައްސަލައަށް ނޫން ކަަމަށް އެމަނިކުފާނުގެ ވަކީލުން ބުނި ބުނުމަށް ދައުލަތުން މިއަދު ޖަވާބު ދީފިއެވެ.

މަނީ ލޯންޑާކުރުމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމުގައި މިއަދު ވަނީ ބާއްވައިފައެވެ. އެ މައްސަލައިގައި ހައިކޯޓުގައި މިއަދު އޮތީ، ރައީސް ޔާމީންގެ ވަކީލުން މީގެ ކުރިން ހުށަހަޅާފައިވާ ނުކުތާތަކަށް ދައުލަތުން ޖަވާބު ދިނުމެވެ.

އެގޮތުން މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން ހާޒިރުކޮށް ފުލުހުން ހިންގި ތަހުގީގުގައި މަނީލޯންޑަރިންގެ ކުށާގުޅޭ ގޮތުން ސުވާލުކޮށްފައިނުވާ ކަމަށާއި ސުވާލުކޮށްފައިވަނީ ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގައި ކަމަށް އެމަނިކުފާނުގެ ވަކީލުން ބުނެފައިވާތީ، އެކަމަށް ޖަވާބު ދެއްވަމުން ޕަބްލިކް ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ ރައީސް ޔާމީނަށް ތުހުމަތު ކުރަނީ މަނީލޯންޑަރިންގެ ގާނޫނުގެ ދަށުންކަމުގެ ގާނޫނީ އިންޒާރު، ތަހުގީގު މަރުހަލާގައި ބަޔާން ކޮށްފައިވާނެ ކަމަށެވެ.

އަދި ރައީސް ޔާމީނަށް އެ އިންޒާރު އެންގެވިކަން ޝަރީއަތަށް ޔަގީން ކޮށްދިނުމުގެ ގޮތުން، ތަހުގީގުގައި ރައީސް ޔާމީނަށް ގާނޫނީ އިންޒާރު ދިންއިރުގެ ވީޑިއޯ ރިކޯޑިން އެއް ޕަބްލިކް ޕްރޮސިއުޓާ ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުއްވިއެވެ. އެ ވީޑިއޯއިން ފެންނަނީ، ރައީސް ޔާމީނަށް ގާނޫނު އިންޒާރުދޭ ތަނާއި ރައީސް ޔާމީން އެ ގާނޫނު އިންޒާރު ކިޔުއްވުމަށްފަހު ސޮއި ކުރައްވައި އިނގިލީގެ ނިޝާން ޖައްސަވާތަނެވެ. އެ ވީޑިއޯގައި ފުލުހަކު ރައީސް ޔާމީނާ ސުވާލުތަކެއް ވެސް ކުރެއެވެ.

އެ ވީޑިއޯއާ ގުޅިގެން ދައުލަތުން ވަކީލުން ވަނީ ދައުލަތުން އޮޅުވާލަމުންދާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެގޮތުން ރައީސް ޔާމީންގެ ވަކީލުން ވަނީ އެ ފަރާތުން ފާހަގަކުރަނީ އިންޒާރުދިިން މައްސަލަ ނޫން ކަމަށާއި ފާހަގަކުރަނީ ތަހުގީގުގައި އެމަނިކުފާނާ ސުވާލު ކުރީ މަނީލޯންޑަރިންގެ ކުށާ ގުޅިގެން ނޫން ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ އުންސުރުތައް ފުރިހަމަނުވާ ކަމަށް ރައީސް ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވި ނުކުތާތަކަަށް ވެސް ދައުލަތުގެ ވަކީލުން ޖަވާބު ދެއްވިއެވެ. އަދި ދައުލަތުން ހުށަހެޅި ޖަވާބު ތަކަށްފަހު، މިއަދުގެ ޝަރިއަތުގެ މަޖިލިސް ނިންމަވައި ލެއްވިއެވެ.

ހައިކޯޓުން ބުނީ ދެން އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އޮންނާނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އެދުވަހުގެ ޝަރިއަތުގެ މަޖިލީހުގައި އޮންނާނީ ދެ ފަރާތުން ވާހަކަ ދެއްކުމަށް އެންމެ ފަހުގެ ފުރުސަތު ދިނުން ކަމަށް ވެސް ހައިކޯޓުން ބުނެއެވެ.