ކޮރޯނާވައިރަސް ޑިޒީސް (ކޮވިޑް-19)ގެ އަސަރު އެންމެ ކުޑަ ގައުުމުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)އިން ބުނެފިއެވެ.
އެމްއެމްޕީއާރުސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ކޮރޯނާވައިރަސް ފެތުރެމުންދާތީ އެކި ގައުމުތަކަށް ދަތުރުކޮށް ބައްދަލުވުންތަކާއި ރޯޑް ޝޯތައް ބާވައިގެން ފަތުރުވެރިކަން އިޝްތިހާރުކުރުން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށެވެ.
ނަމަވެސް ނިމުނު އަހަރުން ފެށިގެން މުހިންމު މާކެޓުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮންލައިން އަދި ޑިޖިޓަލް ކެމްޕެއިންތަކާއި ރާއްޖޭގެ ވިޒިބިލިޓީ ކެމްޕެއިންތައް އިތުރަށް ފުޅާ ކޮށްގެން މިހާރު ކުރިއަށް ގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިވަގުތަށް އެންމެ ރައްކާތެރިކަމަށް ބެލެވޭ ބައެއް މާކެޓްތަަކަކީ ރަޝިއާ އާއި އިންޑިއާ. އެތަންތަނުގައި މިވަގުތު ވެސް މަސައްކަތްތައް ކުރެވެމުން އެބަދޭ،" ތޮއްޔިބު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީން ކުރިއަށްގެންދާ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ސިންގަޕޯ އެއާލައިންސްއާއެކު ޗައިނާ، ސައުތު ކޮރެއާ، އޮސްޓްރޭލިއާ، ޖަޕާން، އެމެރިކާ އަދި ސިންގަޕޫރުގައި ކުރަމުން ގެންދާ ޖޮއިންޓް މާކެޓިން ކެމްޕެއިން ހިމެނެއެވެ. އަދި އޭޝިއާގެ މާކެޓްތަކަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީން ގެންދަނީ އެއާ އޭޝިއާ އާއެކު ޖޮއިންޓް ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ.
ތޮމްސަން ހޮލިޑޭސް، އަލްޕިޓޫރް އަދި އަލްމުސާފިރު ފަދަ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާއެކު ވެސް ރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕެއިންތައް އެމްއެމްޕީއާރުސީން ކުރިއަށް ގެންދެއެވެ. އޭގެ އިތުރުން ރާއްޖޭގެ ވިސިބިލިޓީ އިތުރުކުރުމުގެ ގޮތުން އިޓަލީ، އިނގިރޭސިވިލާތް، އޭޝިއާ، ޗައިނާ އަދި ޖަރުމަން ފަދަ ގައުމުތަކުގައި އައުޓްޑޯ ކެމްޕޭންތައް ކުރިއަށްދާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ބޮޑެތި ހުރަސްތަކާއި ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ބޮޑެތި މާކެޓްތައް ހީނަރުވެ، ގިނަ އެއާލައިންތަކުގެ ދަތުރުތައް މަދުކުރުމާއި ހުއްޓާލުމުގެ އިތުރުން ފަތުރުވެރިން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން ވެސް ވަނީ މަޑުޖެހިފައެވެ.
ކޮރޯނާވައިރަސް ފެތުރޭތީ އައިޓީބީ އިންޑިއާ އާއި ޔޫއޭއީގައި ބާއްވާ ޕާޓާ އެނުއަލް ސަމިޓް ވެސް، ނުބާއްވާ ގޮތަށް ނިންމާފައިވާއިރު ދުބާއީގައި އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަރަބިއަން ޓްރެވެލް މާކެޓާއި ޑަބްލިއުޓީއެމް އެފްރިކާ ފަދަ ފެއާތައް އޮންނާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ކުޑަވެފައެވެ.
އޭގެ އިތުރުން ޖަރުމަނުވިލާތުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އައިޓީބީ ބާލިން ފެއާ ވެސް މިއަހަރު ވަނީ ކެންސަލް ކޮށްފައެވެ.
ތޮއްޔިބު ވިދާޅުވީ އައިޓީބީ ފެއާފަދަ ބޮޑެތި ފެއާތައް ކެންސަލްވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ފަތުރުވެރިންގެ ޑިމާންޓު އަދިވެސް އެބައޮތް ކަމަށާއި އެހެންކަމުން ބޭރުގައުމުތަކުގައި ކުރިއަށްގެންދާ ފެއާތަކާއި ރޯޑު ޝޯތައް މަޑުޖައްސާލި ނަމަވެސް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ތޮއްޔިބު ދެއްވިއެވެ.
"ޖެނުއަރީ މަހު އަޅުގަނޑުމެން ފެށިން ވަރަށް ވަރުގަދައަށް ޗައިނާގައި ވީޗެޓް ކެމްޕެއިނެއް. މި ކެމްޕެއިން ވަރަށް ރަނގަޅަށް ހިނގަނިކޮށް ކޮރޯނާ ވައިރަސްގެ އަސަރު މިކުރީ. ވަރަށް ދެރަ" ތޮއްޔިބު ވިދާޅުވިއެވެ.