މިމަހުގެ 13 ވަނަ ދުވަހު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބާއްވަން ތައްޔާރުވަމުންދާ ބޮޑު ޖަލްސާގައި ބައިވެރިވުމަށް އަދާލަތު ޕާޓީ އާއި މޯލްޑިވްސް ރިޕޯމް މޫވްމެންޓް (އެމްއާރްއެމް)އަށް ހާއްސަ ދައުވަތެއް ދޭން ނިންމާފައިވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްޓްރެޓީޖިކް ޕްލޭނިން ކޮމިޓީގެ މެމްބަރު އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
އަލިމަސް ކާނިވާ ސަރަހައްދުގައި ޖޭޕީން ބާއްވަން ނިންމާފައިވާ "ދީނާއި ގައުމުގެ ދިފާއުގައި" މި ނަމުގައި ބާއްވާ ޖަލްސާގެ މައުލޫމާތު މީޑިއާއަށް ހިއްސާ ކުރުމަށް ޖޭޕީގެ މައި އޮފީސް، މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ ދީނީ ޖަމާއަތްތަކާއި ދީނަށް ލޯބިކުރާ ފަރާތަކުން މިޖަލްސާގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.
ސަރުކާރުގެ ކޯލިޝަނުގައި އޮވެ ދީނާ ގައުމުގެ ދިފާއުގައި ނިކުތުމުން ބައެއް ފަރާތަކުން ސުވާލު އުފައްދަމުންދާކަން ފާހަގަކޮށް ނިހާން ވިދާޅުވީ ދީނާއި ގައުމަށް ކަމެއް ދިމާވެއްޖެ ހިނދެއްގައި ސަރުކާރު ކޯލިޝަނުގެ ބައެއްތޯ ނޫންތޯ ބަލަން ނުޖެހޭނެ ކަމަށާއި އެކަމާ ދެކޮޅަށް ނުކުތުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ފަލްސަފާއަކީ އެންމެ ފުރަތަމަ ދީން އަދި އެއަށްފަހު ގައުމު ކަމަށް ވިދާޅުވިއެވެ.
ނިހާން އިތުރަށް ވިދާޅުވީ ދީނާ ގައުމުގެ ވާހަކައަކީ ޖުމްހޫރީ ޕާޓީއަށް އާ ވާހަކައެއް ނުވަތަ އާ ހަރަކާތެއް ވެސް ނޫން ކަމަށެވެ. އެގޮތުން ދީނީ ކަމެއް ނުވަތަ ދީނަށް ގޮންޖެހުންތައް ފާޅުގައި، ފާޅުވާ ކޮންމެ ފަހަރަކު އެ މަސައްކަތަށް ނުކުންނަ ތަރުތީބުން މިއަދު ވެސް ޖޭޕީން ނުކުމެފައިވާ ކަމަށް ވިދާޅުވިއެވެ.