ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ސަރަހައްދުން ގުދަން ކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިން ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް(ޖީއެމްއައިޒެޑް)އިން ބުނެފިއެވެ.
ޖީއެމްއައިޒެޑް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެސަރަހައްދުން ބިންކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން ބީލަން ފޮތް ގަތުމަށް 200 ރުފިޔާ ދައްކަން ޖެހޭނެ ކަމަށާއި، އެފީއަކީ 'ނޮން ރިފަންޑަބްލް' ފީއެއް ކަމަށެވެ.
ކޮންމެ ފަރާތަކަށްވެސް ރަޖިސްޓްރީ ކުރެވޭނީ އެއް ޕްލޮޓް ކަމަށާއި ބިޑް ސެކިއުރިޓީގެ ގޮތުގައި 5000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތު ބިޑް ވެލިޑިޓީ މުއްދަތަށް ވުރެ 30 ދުވަސް އިތުރު ވާން ޖެހޭނެ ކަމަށް ވެސް ޖީއެމްއައިޒެޑް ގެ އިލާނުގައި ވަނީ ބުނެފައެވެ.
ޖީއެމްއައިޒެޑް އިން ބުނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވުން ކުރިޔަށްދާނީ މިމަހުގެ އަށަކުން 12 ވަނަ ދުވަހާއި ހަމަޔަށް ކޮންމެ ދުވަހަކުވެސް 09:00 އިން 13:00 އަށް ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް (ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ)ގައި ކަމަށެވެ.
މައުލޫމާތު ކަރުދާސް މިމަހުގެ 16 ވަނަ ދުވަހުގެ 13:30ގައި ދޫކުރަން ހަމަޖެހިފައި ވާއިރު، ޕްރީ ބިޑް މީޓިން މިމަހުގެ 22 ވަނަ ދުވަހުގެ 13:30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ބިޑް ހުށައެޅުމާއި ބިޑް ހުޅުވުން އަންނަ މަހުގެ ދެވަނަ ދުވަހުގެ 13:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޖީއެމްއައިޒެޑް އިން ވަނީ ބުނެފައެވެ.
ޖީއެމްއައިޒެޑް އިން ބުނީ ބީލަން ބާތިލުވާ މުއްދަތު މަދުވެގެން 120 ދުވަހަށް ވާން ޖެހޭނެ ކަމަށެވެ. އަދި ބީލަން ހުށަހަޅަން އަންނަ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެއް ކަމަށާއި ބީލަން ހުށަހަޅަން ވާނީ ދީފައިވާ މައުލޫމާތާއި އެއްގޮތަށް ކަމަށެވެ. މައުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާތިލް ކުރެވޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.