ޚަބަރު

އިންޑިއާ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާއި މެދު ދިވެހި ސަރުކާރުކާރުގެ ބަސް އިއްވައިދިނުމަށް ޖޭޕީން ގޮވައިލައިފި

އައިދާ އަބްދުލް ހަކީމް

އިންޑިއާގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާއި މެދު ދިވެހި ސަރުކާރު އަދި ރައްޔިތުންގެ މަޖިލީހުން ވެސް އެއްޗެއް ބުނެފައިނުވާ ކަމަށާއި މިކަމުގައި ދިވެހި ދައުލަތުގެ ބަސް އިއްވައިދިނުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުގެ އެޑްވައިޒަރު އިލްހާމް އަހްމަދު ސަރުކާރަށް ގޮވައިލައްވައިފިއެވެ.

މިމަހުގެ 13 ވަނަ ދުވަހު އަލިމަސް ކާނިވާ ސަރަހައްދުގައި އެޕާޓީގެ ފަރާތުން ބާއްވަން ނިންމާފައިވާ "ދީނާއި ގައުމުގެ ދިފާއުގައި ޖޭޕީ" ޖަލްސާގެ މައުލޫމާތު މީޑިއާ އަށް ހިއްސާ ކުރުމަށްޓަކައި ޖޭޕީގެ މައި އޮފީސް، މާފަންނު ކުނޫޒުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ އިސްލާމުންނަށް ދިމާވާ ކަންކަމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މިއަދާ ހަމަޔަށް ވެސް، އިންޑިއާގެ މުސްލިމުންނަށް އެގައުމުގެ ހިންދޫން ދެމުންދާ އަނިޔާ ކުށްވެރި ކޮށް ބަހެއް ބުނެފައި ނުވާ ކަމަށެވެ.

އިލްހާމް ވިދާޅުވީ އެކަން ކުށްވެރި ކުރުމުގެ ބަދަލުގައި މާދުރުގައި ހިނގާ ކަންކަމަށް ބޮޑު އިސްކަމެއް ދީގެން ދިވެހި ސަރުކާރުން އެކަންކަން ބަލަމުންދާ ކަމަށެވެ.

އިންޑިއާގެ މުސްލިމުންގެ މިސްކިތްތަކާއި ގޯތި ގެދޮރަށް ދެމުންދާ ގެއްލުން ޖޭޕީގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އިލްހާމް ވިދާޅުވިއެވެ. އަދި އެމައްސަލަ އަށް އަވަސް ހައްލެއް ލިބި ރައްކާތެރި މާހައުލެއް ގާއިމުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޖޭޕީން މިމަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ބައްދަލުވުމުގައި ބައިވެރިވުމަށް އަދާލަތު ޕާޓީއާއި މައުމޫން ރިޕޯމް މޫވްމެންޓް(އެމްއާރްއެމް) އަށް ހާއްސަ ދައުވަތެއް ދޭނެ ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ. އިލްހާމް ވިދާޅުވީ ދީނާއި ގައުމުގެ ހައްގުގައި ވީހާވެސް ގިނަ މީހުން ޖަލްސާގައި ބައިވެރި ވުމަށް އެދޭ ކަމަށެވެ.