ރާއްޖޭން ބޭރަށް ދަތުރު ކުރާ ފަރާތްތަކުން، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ލަސްކުރުން ނުވަތަ އެދަތުރުތައް ނުކުރުމަކީ މި ވަގުތަށް އޮތް އެންމެ ރައްކާތެރި ގޮތް ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން މިހެން ބުނީ މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ކޮވިޑް19 ފެތުރެމުންދާއިރު، މި ދުވަސްވަރު ރާއްޖެއިން ބޭރަށް ދަތުރުކުރާ ނަމަ ހާއްސަ ސަމާލުކަމެއް ދޭންވީ ކަންތައްތަކެއް އެޗްޕީއޭގެ ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ދަތުރަށް ފުރުމުގެ ކުރިން، ދަތުރުކުރާ ގައުމެއްގައި ބަލީގެ ހާލަތު ހުރި ގޮތް ރަނގަޅަށް ދެނެގަތުމަށް ފަހު ބަލި ފެތުރޭ ގައުމެއް ނަމަ އެ ގައުމަކަށް ދަތުރު ނުކުރުމަށް އެޗްޕީއޭގެ ބަޔާނުގައި އެދިފައި ވެއެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ފަރުވާކުރާ ބަލި ހުންނަ ފަރާތްތަކުން ކޮންމެހެން ދަތުރުކުރަން ޖެހިގެން ނޫނީ ރާއްޖެއިން ބޭރަށް ނުދިއުމަށާއި، ދަތުރުކުރާ ގައުމުގެ ސަރުކާރުން ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އާންމުންނަށް ދީފައިވާ އިރުޝާދުތަކަށް އަހުލުވެރިވުމަށް ވެސް މި ނޫސްބަޔާނުގައި އެދިފައި ވެއެވެ.
މީގެ އިތުރުން ދަތުރުމަތީގައި ވެސް ސަމާލުކަން ދޭން ޖެހޭ ގިނަ ކަންތައްތަކެއް އެޗްޕީއޭގެ ނޫސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހުމާއި ކެއްސުމާއި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކާ ގާތްވެ ނޫޅުމަށާއި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރުމަށް ވެސް އިރުޝާދު ދީފައި ވެއެވެ.
އެއްގަމު މަހާއި ސީފުޑް ރަނގަޅަށް ކައްކައިގެން ކެއުމާއި ޖަނަވާރު ގެންގުޅޭ ތަންތަނާއި އެއްގަމު މަސް ވިއްކާ ބާޒާރުތަކަށް ނުދިއުމަށް ވެސް މި ނޫސް ބަޔާނުގައި ވަނީ އެދިފައެވެ. މީގެއިތުރުން ކޮންމެހެން ދާން ޖެހިގެން ނޫން ގޮތަކަށް ސިއްހީ ފަރުވާދޭ މަރުކަޒުތަކަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
ބޭރަށް ދަތުރުކުރުމަށްފަހު ރާއްޖެ އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައިސް ރޯގާ ޖެހުމާއި ކެއްސައި ކިނބިހި އަޅާނަމަ ހޮސްޕިޓަލަށް ނުގޮސް ގޭގައި ތިބެ 1676 ހޮޓްލައިނަށް ގުޅައި ބަލިމީހާގެ ހާލަތާއި ދަތުރުގެ މައުލޫމާތު ހިއްސާކުރުމަށް އެޗްޕީއޭ އިން އެދެއެވެ.
މީގެ އިތުރުން ރާއްޖޭގެ އެތެރޭގައި އެކި ތަންތަނަށް ދަތުރުކުރާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަަކަށް ސަމާލުވުމަށް އެޗްޕީއޭގެ ބަޔާނުގައި ވަނީ އެދިފަ އެވެ. އެގޮތުން ރޯގާ ޖެހި، ކެއްސައި ކިނބިހި އަޅާނަމަ، ރަނގަޅަށް އަނގަޔާއި ނޭފަތް ޓިޝޫއަކުން ނިވާކުރުމާއި ބޭނުން ކުރުމަށްފަހު ޓިޝޫތައް ޑަސްބިނަށް ލުމަށް ސަމާލުވުމަށް ވެސް ވަނީ އެދިފައެވެ. މިފަދަ އަލާމާތެއް ހުރެއްޖެ ނަމަ ރަނގަޅު ވަންދެން ގޭގައި މަޑުކުރުމަށާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުނިކުތުމަށް އެޗްޕީއޭގެ ބަޔާނުގައި އެދިފައި ވެއެވެ.
ދުނިޔޭގެ ގައުމުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުން ދާތީ އެ ގައުމުތަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުމުންނެވެ. އެ ގޮތުން ރާއްޖޭން ވެސް ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ ތެރޭގައި ބައެއް ގައުމުތަކުން އަންނަ ޓޫރިސްޓުން ރާއްޖެ އެތެރެވުން ވެސް ވަނީ މަނާކޮށްފަ އެވެ.