ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު އުވާލުމަށް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހުގެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ. ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހަޅާފައި ވަނީ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފު އެވެ.
އޭނާ ވިދާޅުވީ އެ އިސްލާހުގެ ބިލު ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ކުރީން ވެސް އޮތް ގޮތަށް ބަދަލުކުރެއްވުމަށް ކަމަށެވެ. އާރިފު ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކުން ބަލައިލި ނަމަވެސް ރައީސް ކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރެއް ނޯންނަ ކަމަށެވެ.
"އެހެން ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ރައީސް ކަމަށް ކުރިމަތި ލެވޭ އެންމެ ހަގު އުމުރެއް އެބަ އޮވޭ،" އޭނާ ވިދާޅުވި އެވެ.
މިހާރު އޮންނަ ގޮތުން ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރަކީ 65 އަހަރެވެ. އެ ގާނޫނު އުވާލުމަށްޓަކައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވެސް ވަނީ އިސްލާހެއް ހުށަހަޅާފައެވެ.
އާރިފް ވިދާޅުވީ އަލަށް ހުށަހެޅުއްވި އިސްލާހުގެ ބިލަކީ ފަލާހު ހުށަހެޅުއްވި ބިލަށް އިސްލާހު ގެނެސް ހުށަހެޅި ބިލެއް ކަމަށެވެ.