އިބްރާހިމް ޒަކީ
ގައުމެއް ތަރައްގީވެ ދަނީ ރަނގަޅު އާއިލާއެއް އުފައްދައިގެން ކަމަށާއި، ސަރުކާރުން ބޭނުން ވެގެން މިއުޅެނީ ރަނގަޅު އާއިލާއެއް އުފައްދަން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ކުރާ ދަތުރު ތަކުގެ ތެރެއިން ގދ.ފަރެސް މާތޮޑާއަށް މިއަދު ޒިޔާރަތް ކުރައްވައި ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު، ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ސަރުކާރުގެ ވިސްނުން އެ ރަށު ރައްޔިތުންނާ ހިއްސާ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ތަރައްގީގެ ނާރެހަކީ އާއިލާ ކަމަށެވެ.
ރަނގަޅު އާއިލާއެއް ބިނާކުރަން ސަރުކާރުން އިސްކަންދީގެން، ކުރިއަށް ގެންދާ ސިޔާސަތުތަކަށް ބައްލަވާލައްވައި ރައީސް ނަޝީދު ވިދާޅުވީ، ދަރިންނާ އެކު ވަގުތު ހޭދަ ކުރުމަށް މުސާރައާއެކު މުވައްޒިފުންނަށް މެޓާނިޓީލީވް ދެމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި ތަރައްގީގެ ނާރެސް އަކީ އާއިލާ، ރަނގަޅަށް ރީތިކޮށް ވިހާ ދަރިފުޅު ވިހެއިމަ، ހަ މަސްދުވަހުގެ މެޓާނިޓީ ލީވް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެވަނީ ދީފަ، މިދިޔަ އަހަރު މިރަށު މީހުންނަށް ދަރިން ލިބުނު އެމީހުންނަށް ސަރުކާރުގައި އުޅުނަސް ވެސް ހަ މަސްދުވަހު ދަރިއާ އެކީގައި އޮވެވޭނެ، ބަފަޔަށް އެއްމަސްދުވަސް އެބަ ލިބޭ މުސާރައާ އެކީގައި، ސަރުކާރުން ބޭނުންވެގެން މިއުޅެނީ ރަނގަޅު އާއިލާއެއް އުފައްދަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރަނގަޅު އާއިލާއެއް ބިނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެެރެއިން، ސްކޫލުން ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމަކީވެސް މުހިއްމު ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން ފަރެސް މާތޮޑާގެ 206 ކުދިންނަށް ކޮންމެ ދުވަހަކު ހެނދުނު ސައިބޯން ދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބޮޑުހިލަ ބަނދަރާއި، އެއްގަމު ތޮއްޓާއި، މަގު ހެދުމާއި ފެނާއި ނަރުދަމާ ހެދުމަށް ވުރެވެސް، ހެނދުނުގެ ނާސްތާ ދިނުން މުހިއްމު ކަމަށެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި އެކުއްޖާއަށް ސައި ދިނުން އެއީ މިރާއްޖޭގެ ތަރައްގީއަށް އެންމެ ބޭނުން ކަންތައް، ބޮޑުހިލަ ބަނދަރެއް ހެދުމެއްވެސް ނޫން، އެއްގަމު ތޮއްޓެއް އެޅުމެއްވެސްނޫން މަގެއް ހެދުމެއްވެސް ނޫން، ހަގީގަތުގައި ފެނާއި ނަރުދަމާ އެޅުމެއްވެސް ނޫން، އޭގެން އެއްކަމެއް ކުރުމަށްވުރެވެސް މާ މުހިއްމު، އޭނާ ހެނދުނު ހޭލައިގެން ރަނގަޅަށް ސައިބޮއިގެން މަދަރުސާއަށް ގޮސް ރަނގަޅަށް ކިޔެވުން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.