ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރަށްރަށުގެ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ބޭރުން އެހީ ހޯދޭނެ ނިޒާމެއް ވަނީ އެކަށަ އަޅައިފައި: މިނިސްޓަރު ޝާހިދު

އިބްރާހިމް ޒަކީ

ރަށްރަށުގެ ތަރައްގީއަށް ރައްޔިތުން ތައްޔާރު ކުރާ ޕްރޮޖެކްޓްތަކަށް ބޭރުން އެހީ ހޯދަން ފޮރިން މިނިސްޓްރީގައި އެކަމަށް ހާއްސަ ނިޒާމެއް މިހާރު އެކަށަ އަޅާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ދަތުރުގައި ގދ. ފިޔޯރީއަށް ވަޑައިގެން ލާމަރުކަޒީ ނިޒާމަށް އައި ބަދަލާ ގުޅިގެން ސަރުކާރުން ކުރާކަންތައްތަކާއި، ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓުންގެ މުހިއްމުކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، އެމްޑީޕީން ނިކުމެ މިތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅުތައް ފުއްދަން ކަމަށެވެ.

އެމަނިކުފާނުގެ އެންމެ ވަރުދަ އެއް ވައުދުފުޅަކީ، މުޅި ރާއްޖެއަށް ލާމަރުކަޒީ ނިޒާމް ގެނަސްދިނުން ކަމަށާއި، ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ކުރެއްވި ކަމަކީ ލާމަރުކަޒީ ބިލް މަޖިލީހަށް ހުށަހެޅުއްވުން ކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު ބިލް ފާސްވުމާ ގުޅިގެން އައި ބަދަލާއެކު ރަށްރަރަށް ބޭނުންވާ ފައިސާ އެމަނިކުފާނު ކަނޑައަޅުއްވައި ދެއްވި ކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ލާމަރުކަޒީގެ ނިޒާމުން ރާއްޖޭގެ ތަރައްގީއަށް މިގެންނަ އާ ބަދަލާއެކު ފެނިގެން މިދަނީ ރާއްޖޭން ބޭރުގައި ވެސް ރާއްޖެއަށް ލިބެމުން އަންނަ ތާއީދާއި ލިބެމުން އަންނަ އިހުތިރާމް އިތުރުވެގެންދާތަން ކަމަށެވެ.

ލާމަރުކަޒުގެ ނިޒާމަކީ ބޭރު ގައުމުތަކުން ވެސް ބަަލައިގަންނަ ނިޒާމެއް ކަމަށާއި އެހެން ކަމުން، ރަށުގެ ރައްޔިތުން އިންތިހާބުކުރާ ކައުންސިލުން ތައްޔާރު ކުރާ މަޝްރޫއުތަކަށް އެހީ ހޯދައި އެކަމަށް ބޭރުގެ އެހީތެރިކަން ލިބުމަށް ފަސޭހަތަކެއް އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.