ޚަބަރު

ބީއެމްއެލްގެ މުވައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީ ހަމަހަށް އިތުރުކޮށްފި

އައިދާ އަބްދުލް ހަކީމް

މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އަންހެން މުވައްޒަފުންނަށް ވިހެއުމުން ހަ މަހުގެ ޗުއްޓީއެއް ދިނުމަށް ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ މި ގެނައި ބަދަލާއެކު ވިހެއުމުން އަންހެން މުވައްޒަފުންނަށް މުސާރައާއެކު ހަ މަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު މުވައްޒަފުގެ ސިއްހީ ހާލަތަށް ބަލައި ދެ މަސް ދުވަހުގެ ޗުއްޓީއެއް ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި އެދެމަހުގެ ތެރެއިން އެއްމަސް ދުވަސް މުސާރަ ލިބޭ ގޮތަށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ބޭއެމްއެލުން ބުނެއެވެ. އަނެއް މަސް ދިނުމަށް ނިންމާފައިވަނީ ނޯޕޭ ލީވްގެ ގޮތުގައެވެ.

ދަރިޔަކު ލިބުމާ ގުޅިގެން ފިރިންހެން މުވައްޒަފުންނަށްވެސް އެއް މަހުގެ ޗުއްޓީއެއް ދިނުމަށް ބީއެމްއެލުން ވަނީ ނިންމައިފައެވެ. އަދި ދަރިފުޅު ލިބޭތާ ހަތް މަސްދުވަސް ތެރޭ މި ޗުއްޓީ ނެގޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

މިބަދަލު ގެނައުމުގެ ކުރިން ވިހެއުމާ ގުޅިގެން ބީއެމްއެލްގެ އަންހެން މުވައްޒަފުންނަށް ލިބެނީ ދެ މަހުގެ ޗުއްޓީއެކެވެ. އަދި ފިރިހެން މުވައްޒަފުންނަށް އަނބިމީހާ ވިހެއުމާ ގުޅިގެން ޗުއްޓީގެ ގޮތުގައި ދެމުން އައީ ތިން ދުވަހެވެ. މި ގެނައި ބަދަލުގައި، މިހާރު ޗުއްޓީގައި ތިބި މުވައްޒަފުން ވެސް ހިމެނޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.