ޚަބަރު

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރު ތެރޭ ދެޑޮކްޓަރުން މާރާމާރީ ހިންގައިފި

އައިދާ އަބްދުލް ހަކީމް

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ އިންޑިއާ ޑޮކްޓަރަކާއި ނޭޕާލް ޑޮކްޓަރަކު މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ވަނީ "ވަން" އަށް އެކަން ކަށަވަރު ކޮށްދީފައެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:45 އެހާކަށް ހާއިރު މުލީ ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރު ތެރޭގައި ދެ ޑޮކްޓަރެއްގެ މެދުގައި ދެބަސްވުން އުފެދި މާރާމާރީ ހިންގައިގެން އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މާރާމާރީގައި ދެ ޑޮކްޓަރުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން މުލީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ނާފިޒް ވިދާޅުވީ މިއަދު ބަލި މީހެއްގެ ސާޖަރީއެއް ހެދުމަށް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެހާދިސާ ހިނގި ވަގުތު އޭނާ ހޮސްޕިޓަލުގައި ނުއުޅުއްވާތީ އެހާދިސާ ހިނގީ ބަލިމީހާ ސާޖަރީއަށް ވައްދާފައި ވަނިކޮށް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފު ނުވާ ކަމަށް ނާފިޒް ވިދާޅުވިއެވެ.

މާރާމާރީ ހިންގި ދެ ޑޮކްޓަރުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ވަނީ ވަން އަށް ކަށަވަރުކޮށްދީފަ އެވެ.