ޚަބަރު

މިސަރުކާރަށް މިނިސްޓަރު އިމްރާން ވެސް އިތުބާރެއް ނުކުރޭ: ޑރ. ޖަމީލް

އައިދާ އަބްދުލް ހަކީމް

މިސަރުކާރަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އިތުބާރު ނުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޑރ ޖަމީލް ވިދާޅުވީ މިސަރުކާރަކީ މަކަރުވެރި ބައެއް ކަމަށް ސިފަވާއިރު، ކައުންސިލް އިންތިހާބުގައި ރައްޔިތުން ވެސް ސަރުކާރަށް އިތުބާރު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ހޯމް މިނިސްޓަރަށް ވަރަށް ގިނަ ސިއްރުތައް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ދާދި ފަހުން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން އަދާލަތު ޕާޓީއަށް ހައްގުވާ މިންވަރު ލިބެން ޖެހޭ ކަމަށެވެ. އިމްރާން އެ އިޝާރާތް ކުރެއްވީ ކެބިނެޓުން އަދާލަތު ޕާޓީއަށް ދޭން އެއްބަސްވި ގޮނޑިތައް ކަމަށް ބެލެވެއެވެ. އަދާލަތަށް ތިން ގޮނޑި ކެބިނެޓުން މީގެ ކުރިން ދީފައިވީ ނަމަވެސް ޖެންޑާ މިނިސްޓަރުކަމުން ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމުން މިހާރު ކެބިނެޓުގައި އަދާލަތު ޕާޓީ ތަމްސީލް ކުރައްވަނީ ދެބޭފުޅުންނެވެ. އެއީ ހޯމް ނިސްޓަރު އިމްރާންގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. ޝިދާތާ އިސްތިއުފާ ދެއްވުމުން އެ މަގާމަށް ފަހުން އައްޔަން ކުރެއްވީ އަދާލަތުގެ ބޭފުޅެއް ނޫނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވިއްޖެ ނަމަ، ވެރިކަން ހިންގާ ކޯލިޝަން ނިމުމަކަށް ގެންނާނެ ކަމުގެ އިންޒާރު، މަޖިލީހުގެ ބައެއް މެންބަރުން ވަނީ ދީފަ އެވެ.

ނަމަވެސް އެކަން އެހެން ވެދާނެކަމަށް އިމްރާން ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން ހެދި އެ ކޯލިޝަން ނިންމާލާނީ، ރިޔާސީ ދައުރާ އެކީގައި ކަމަށެވެ. އަދި ދައުރު ނިމުމުގެ ކުރިން، ކޯލިޝަނަށް ބަދަލު އަތުވެދާނެ ކަމަށް އެއްގޮތަކަށް ވެސް ގަބޫލު ނުކުރައްވާ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.