މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ވެރިކަންކުރާ އެމްޑީޕީއަށް ކަށަވަރުވެއްޖެއެވެ.
މާލެ ސިޓީގެ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުލުމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ މައި މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ގަލޮޅު އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކަށަވަރުވީ، އެ ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ސާއިފް ފާތިހު ފިޔަވައި އެހެން އެއްވެސް މީހަކު ކުރިމަތިލާފައި ނުވާތީއެވެ.
އޭގެ އިތުރުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 10 ދާއިރާއެއްގެ ގޮނޑި ވެސް އެމްޑީޕީއަށް ވަނީ ކާމިޔާބު ވެފައެވެ. އެއީ އޭގެން އެއްވެސް ގޮނޑިޔަކަށް އެމްޑީޕީގެ ކެންޑިޑޭޓުން ފިޔަވައި އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތި ލާފައިވަނީ ތިން ކެންޑިޑޭޓެކެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް އަދި އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބުދުސައްތާރާއި ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު އަދި ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީއެވެ.