ޚަބަރު

ބާތިލް ވޯޓު ގިނަ ވެދާނެތީ ގާނޫނަށް ހުށަހެޅި އިސްލާހު އަވަހަށް ފާސްކޮށްދޭން އީސީން ގޮވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބާތިލް ވޯޓުގެ އަދަދު ގިނަވެދާނެތީ ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު، ވީއެންމެ އަވަހަކަށް ފާސްކޮށްދޭން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ގޮވާލައްވައިފިއެވެ.

މިހާރު ގާނޫނު ބުނާގޮތުން، ކައުންސިލް އިންތިހާބެއްގައި މަގާމަކަށް އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ ގިނައިން ފާހަގަލާފައިވާނަމަ މުޅި ވޯޓު ކަރުދާސް ބާތިލު ވެގެންދާނެއެވެ.

ނަމަވެސް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިދިޔަ މަހުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި ބުނެފައިވަނީ، އެއިން އެއް މަގާމެއްގެ ވޯޓެއްގައި ވެސް ފާހަގަޖަހަންޖެހޭ އަދަދަށްވުރެ ގިނައިން ފާހަގަލާފައިވާނަމަ ބާތިލްވެގެންދާނީ އެގޮތަށް ފާހަގަ ޖަހާފައިވާ މަގާމުގެ ވޯޓު އެކަނި ކަމަށެވެ.

މާލެ ސިޓީގެ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުލުމަށް އިލެކްޝަން ކޮމިޝަންގެ މައި މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ، އެ އިސްލާހަކީ ކޮމިޝަނުން ވެސް ތަރުހީބުދޭ ވަރަށް ރަނގަޅު އިސްލާހެއް ކަމަށެވެ.

އެ އިސްލާހަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް، އިންތިހާބަށް ވަގުތު އޮއްވައި އެ އިސްލާހު ފާސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން ޝަރީފު އެދިވަޑައިގެންނެވިއެވެ.

ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއެކު ރަށު ކައުންސިލްތަކުގެ ރައީސް އާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަކީ އެ ރަށެއް ނުވަތަ ސިޓީއެއްގެ އެންމެން ވޯޓު ލައިގެން ވަކިން އިންތިހާބު ކުރާ މަގާމގެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފައެވެ. އަދި ކައުންސިލްތަކުގެ 33 ޕަސެންޓް ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ.

އެހެންކަމުން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އެ ހުރިހާ މަގާމަކަށް ވޯޓު ލުމަށް މަގާމުތަކުގެ ވޯޓު ކަރުދާސް ވަކިވަކިން ދޫކުރުމުގެ ބަދަލުގައި އެއް ކަރުދާހެއްގައި ހުރިހާ މަގާމަކަށް ވޯޓުލާ ގޮތަށެވެ.

އެގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމީ ވަކިވަކިން މަގާމުތަކަށް ވޯޓު ކަރުދާސް ޗާޕް ކުރަން ޖެހޭނަމަ ގިނަ އަދަދެއްގެ ވޯޓު ކަރުދާސް ޗާޕްކޮށް ގިނަ ހަރަދުތަކެއް ކުރަން ޖެހުމުގެ އިތުރުން ވޯޓު ގުނުމަށްޓަކައި ހޭދަވާ ވަގުތު ވެސް އިތުރުވެގެންދާނެތީ ކަމަށް ބުނެއެވެ.