އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ޖަޒުބާތުގައި ޖެހިގެން ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވެއްޖެއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސަ ވިދާޅުވީ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ ވަރަށް ވިސްނުންތެރިކަމާ އެކު ދުރާލައި ރޭވިގެން ކަނޑައެޅެންޖެހޭ އެއްޗެއް ކަމަށެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ސަބަބުން ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތަށް ވެސް ގެއްލުން ވާ ހާލަތާއި ފައިދާ ވާ ހާލަތުވެސް އަތުވެދާނެ ކަމަށް އީސަ ވިދާޅުވިއެވެ. އެހެންކަމުން މިނިމަމް ވޭޖް ބޯޑުން ކޮށްފައިވާ ދިރާސާތަކަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް އީސަ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅަން ވާނީ ދާއިރާތަކަށް ވަކިވަކިން ކަމަށާއި އެނޫން ގޮތަކަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅިއްޖެނަމަ ރާއްޖޭގެ އިގްތިސާދަށް ގެއްލުން ވާނެ ކަމަށް ބެލެވޭ ކަމަށް އީސަ ވިދާޅުވިއެވެ.
އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަށް ޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަަސައްކަތެއް ކުރައްވަމުންނެވެ. އެގޮތުން މިނިމަމް ވޭޖް ބޯޑުގެ ދިރާސާ ރިޕޯޓުގެ މަސައްކަތް ނިންމެވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ހިޔާލު ހޯދުމަށްޓަކައި އެ ރިޕޯޓުވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެހެންނަމަވެސް މި މަސައްކަތް ނުނިމި ލަސްވަމުން ދާތީ ރައްޔިތުންދަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.